މިދިޔަ އާދިއްތަ ދުވަހު ރަޝިއާގެ ވެރިރަށް މޮސްކޯގެ ޝެރެމެޓްޔެވޯ އެއާޕޯޓުގައި އެމެޖެންދީކޮށް ޖައްސަން ދިޔަ މަތިންދާބޯޓެއްގައި ރޯވެ، 41 މީހަކު މަރުވެއްޖެ އެވެ.
ހަބަރުތައް ބުނާގޮތުން، މި ހާދިސާ ހިނގައިފައިވާ މަތިންދާ ބޯޓުގައި 73 ފަސިންޖަރުންނާއި 5 ކެބިންކުރޫ ތިބިއިރު، މަރުވި 41 މީހުންގެ ތެރޭގައި 2 ކުޑަކުއްޖަކު ހިމެނެއެވެ.
ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގައިފައިވާއިރު، ބޯޓުގައި ރޯވީ ޝެރެމެޓްޔެވޯ އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއް ފަހުން، ޖެހި ގުގުރިއެއްގެ ސަބަބުން އަނެއްކާވެސް އެ އެއާޕޯތަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. އަދި އެވަގުތު ބޯޓުގެ އިންޖީނުގައި އަލިފާން ރޯވީ ކަމަށް ހަބަރުތައް ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތު ނެގައިފައިވާ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓް ޖެއްސުމުން އޭގެ އެމާޖެންސީ ދޮރުތައް ހުޅުވި، ބައެއް ފަސިންޖަރުން ސަލާމަތްވެ އެވެ.
މި ހާދިސާގައި 37 މީހުން ސަލާމަތްވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 33 ފަސިންޖަރުންނާއި 4 ކެބިންކުރޫއެވެ. އަދި 5 އަނިޔާވެފައިވާ 5 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.