ފަނަރަ އެމްބިއުލާންސް ގަންނަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާން ބުނީ މިނިސްޓްރީ އޮފް ހެލްތްގެ އެދުމަކަށް 15 އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި، އެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި އެ ފައިސާ ބަލައިގަތުން ކުރިއަށްދާނީ ނުވައެއް މެއިއާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 12:00 އަށް ކަމަށެވެ. އަދި ރަމަޟާން މަހުގެ 10:00 އިން 12:00ގެ ނިޔަލަށެވެ.
ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަސް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ އެމްބިއުލާންސް ހޯދަމް ހެލްތު މިނިސްޓްރީން މަސައްކަތް ފެއްޓެވިއިރު، ރާއްޖޭގައި ޤައުމީ އެމްބިއުލަންސް ވިއުގައެއް އެކުލަވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.




