ރޯދަ މަހު ބާޒާރު މައްޗަށް ވިޔަފާރި ކުރަންދާ މީހުންގެ އަދަދު ގިނަވާނެތީ ވަކި ގަޑިތަކެއްގައި އެ ސަރަހައްދަށް ވެހިކަލްތަކަށް ނުދެވޭނެހެން ބަންދު ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ޔުނިޓް މުޙައްމަދު ލުތުފީ ވިދާޅުވީ، ރޯދަ މަހު ބާޒާރު މައްޗަށް ވިޔަފާރި ކުރަންދާ މީހުންގެ އަދަދު ގިނަވާނެތީ މެންދުރު 12:30 އިން ފެށިގެން ހަވީރު 06:30 އާ ހަމައަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް ވެހިކަލްތަކަށް ނުވަދެވޭނެ ކަމަށެވެ.
ލުތުފީ ވިދާޅުވީ ރޯދަ މަހު މެންދުރު 12:30 އިން ފެށިގެން ނޯމަލް ޓްރެފިކިންގެ އެއްވެސް ވެހިކަލަކަށް އެސަރަހައްދަށް ފުރުސަތެއް ނުދޭވޭނެ ކަމަށެވެ.
"ހަމައެކަނި އެ ސަރަހައްދަށް ލޯޑިން ނުވަތަ އަންލޯޑިން ވެހިކަލްތަކަށް ވަދެވޭނެ. ނޫނީ ބާޒަރުމަތި ބޭނުން ކުރަން އަންނަ ވެހިކަލްތަކަށް ނޫނީ ފުރުސަތެއް ނުދޭނަން،" ލުތުފީ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ފުލުހުން ގެނެސްފައިވާ ބަދަލަށް ބަލާއިރު، މުރަނގަ މަގު ކަނބާ އައިސާ ރަނި ހިނގުން ގުޅޭ ހިސާބުން މުރަނގަ މަގު ހިލާލީ މަގު ގުޅުނު ހިސާބުން މުރަނގަ މަގު ވަނީ ހުޅަނގުން އިރަށް ދުއްވާ ގޮތަށް ހަމަޖައްސާފައެވެ.
ހަމައެއާއެކު އެ މަގުތަކުގެ އިތުރުން އެހެން މަގުތަކުގައި ޓްރެފިކް މައްސަލަ މާބޮޑުވާނަމަ ދެކޮޅަށް ދުއްވޭ މަގުތައް ވަންވޭކޮށް ބައެއް މަގުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ވަނުން މަނާ ކުރެވޭނެ ކަމަށްވެސް ލުތުފީ ވިދާޅުވިއެވެ.
ރަމަޟާން މަހާ ދިމާކޮށް މަގުތައް ބާރުބޮޑުވުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ގެންދަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.




