ބަރަކާތްތެރި ރަމަޟާންމަހަކީ ހުރިހާ މުސްލިމުން ދުވާލުގެ ވަގުތުގައި ކެއުން ބުއިމުން މަހްރޫމްވެގެން ތިބޭ މާތް މައްސަރެކެވެ. އެހެންކަމުން ރޯދަ ވީއްލުމަށް ތަފާތު ބާވަތްތަކުގެ މީރު ކާބޯތަކެތިން ސުފުރާމަތި ފަޅުފިލުވައިލުމަކީ ގިނަބަޔަކު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ނުކެވޭވަރަށް ތަކެތިތައްޔާރުކޮށް އިސްރާފު ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ފެންނަމުން އަންނަ ވަރަށް ހިތާމަވެރި ކަމެކެވެ.
ރޯދަ ވީއްލުމަށްޓަކައި ތަފާތު ވައްތަކުރެ ތަކެތި ތައްޔާރުކުރުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް އިސްރާފްވާވަރަށް އެއްޗެހި ތައްޔާރުކޮށް އުކާލުމަކީ ރޯދައިގެ މަގުސަދު ހާސިލުވުމަށް އެޅޭ ހުރަހެކެވެ. މި މާތް މައްސަރަކީ މާތް ﷲ ގެ މަގުގައި ސާބިތުވެ ހުރުމަށްޓަކައި ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން މި މައްސަރުގައި އިސްރާފްކުރުން މަދުކޮށް ހެޔޮއަމަލު ގިނަކުރަން ޖެހެއެވެ. މިއީ ފަގީރުން މަތިން ހަނދުމަކޮށް، ގުރުއާން ކިޔަވައި، ސަދަގާތްކޮށް، ރޭއަޅުކަންކޮށް އަދި ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ހެޔޮއަމަލު ކުރުންމަތީ ދެމިހުންނަން ލިބޭނެ މާތް ފުރުސަތެކެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފަގީރުންގެ އަދަދު ގިނަވެ ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާ އެތައް މުސްލިމުނަނެއް އުޅެމުން އަންނައިރު، އަޅުގަނޑުމެން އިސްރާފްވާވަރަށް ކާބޮތަކެތި ތައްޔާރުކޮށް އުކާލަމުން އައުމަކީ އިސްލާމްދީން ހުއްދަކުރާނެ ކަމެއްނޫނެވެ. އަޅުގަނޑުމެން އެތައްއެއްޗެއް އިސްރަފްކުރާއިރު އެފަދަ މީރުއެއްޗެއެއްގެ ރަހަނުލިބޭ އެތައްބަޔަކު މި ދުނިޔެމަތީގައި އުޅެމުންދާކަން ވިސްނާލުން ކީއްތޯއެވެ؟
އިސްރާފުކުރުމަކީ އިސްލާމްދިނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން އިސްރާފްކުރުމުން ދުރުހެލިވާން އެބަޖެހެއެވެ. ނުކެވޭވަރަށް ކާބޯތަކެތި ހަދަން ވަގުތުތައް ބޭކާރު ކޮށްލުމުގެ ބަދަލުގައި އަޅުކަންކުރުމުގައި ގިނަވަގުތު ހޭދަކުރެވޭތޯ މަސައްކަތް ކުރާށެވެ.