ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމުގެ ސަބަބުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވާލުމުން ކަނޑައެޅޭ އުޞޫލުތަކާ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ، މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބާއެކު ސަރުކާރުގެ ގެޒެޓްގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ދާދި ދެންމެ ކުރެއްވި އިއުލާނެއްގައެވެ.
"ރަށްރަށަށް ދިއުމަށް ހުށަހަޅާ ފަރާތްތައް ސަރުކާރުން އަންގަވާގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެ." ޖެންޑަރ މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.
މާލޭގައި ތާށިވެފައިތިބި ފަރާތްތަކުގެ ތެރެއިން 7 މީހަކު ހދ. ކުޅުދުއްފުއްޓަށް މީގެ ކުރިން ދުވަހެއްގައި ފޮނުވާފައިވާއިރު، އިތުރު 147 މީހަކު ވަނީ މިއަދު ރަށްރަށަށް ފޮނުވުމަށްޓަކައި ކަރަންޓީނު ފެސިލިޓީތަކަށް ބަދަލުކުރެވިފައެވެ.
މި އުޞޫލުގެ ދަށުން ރަށްރަށް މީހުން ފޮނުވާއިރު، ކަރަންޓީނު ފުރިހަމަކޮށް ދޫކޮށްލުމުގެ ކުރިން އަމަލުކުރާނެ ގޮތުގެ ތަފްސީލު އަދިވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.




