މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު އިޓަލީއަށްވުރެ އިތުރު ވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުންވަނީ 29،427 މީހުން މަރުވެފައެވެ.
ވިލާތުގެ ގައުމުތަކުން ކޮވިޑް-19 ޖެހިގެން މީގެކުރިން އެންމެ ގިނަ މީހުން މަރުވި އިޓަލީގައި މިއަދުގެ މިހާތަނަށް މިބަލީގައި ޖުމްލަ މަރުވެފައިވަނީ 29،315 މީހުންނެވެ. މި ތަފާސްހިސާބުތަކާއެކު މިހާރު ވިލާތުގެ ގައުމުތަކުން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުންނެވެ.
އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން 29 ހާހަށްވުރެ ގިނަ މީހުން މަރުވެފައި މިވަނީ އިޓަލީގައި މިބަލި އެންމެ ބާރުމިނުގައި ފެތުރުނު މުއްދަތަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައިކަން ފާހަގަ ކޮށްލެވެއެވެ. މި ދެގައުމުގެ އާބާދީއަށް ބަލާއިރު އިޓަލީއަށްވުރެ އިނގިރޭސި ވިލާތުގެ އާބާދީ10 އިންސައްތަ އިތުރުކަންވެސް ފާހަގަ ކޮށްލެވެއެވެ. މިއީ މަރުވި މީހުންގެ އަދަދު އިތުރުވުމުގެ އެއް ސަބަބުކަމަށް ދިރާސާކުރާ ފަރާތްތަކުން ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހިގެން ވިލާތުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިނގިރޭސިވިލާތް ވެފައި ވީނަމަވެސް މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިޓަލީންނެވެ. މިގޮތުން އިޓަލީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އާބާދީއަކީ 213,013 އެވެ. އަދި އިނގިރޭސި ވިލާތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އާބާދީ އަކީ 194,990 އެވެ.
ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާއިން ނަމަވެސް، މިބަލީގައި އެންމެ ބޮޑެތި ގެއްލުންތައް މިހާތަނަށް ލިބިފައިވަނީ ވިލާތުގެ ގައުމުތަކަށާއި އަދި އެމެރިކާ އަށެވެ.