ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމުގެ ސަބަބުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވާލާއިރު، ރަށު ކައުންސިލްތަކަށް ރިޕޯޓްކުރެއްވި ފަރާތްތައް ކަރަންޓީނު ކުރާނީ އެރަށެއްގަ ރަށު ކައުންސިލުން ކަނޑައަޅާ ތަނެއްގައި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ، މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބާއެކު ސަރުކާރުގެ ގެޒެޓްގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ދާދި ދެންމެ ކުރެއްވި އިއުލާނެއްގައެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ފަރާތްތައް ފޮނުވާނެ ތަރުތީބު ކަނޑައަޅާނީ އެ މިނިސްޓްރީން ކަމަށާއި، އެ ފަރާތްތައް ކަރަންޓީނު ކުރާނީބ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ. އަދި ކައުންސިލްތަކަށް ނަން ހުށަހަޅާފައިވާ ފަރާތްތައް ފޮނުވާނެ ތަރުތީބު ކަނޑައަޅާނީ ކައުންސިލާއި އެލްޖީއޭއިން ކަމަށާއި، އެފަރާތްތައް ކަރަންޓީނު ކުރާނީބ އެރަށްތަކުގެ ކައުންސިލްތަކުން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ.
"މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ރިޕޯޓު ކުރައްވާފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައަޅާނީ މި މިނިސްޓްރީން. އަދި އެފަރާތްތައް ކަރަންޓީނު ކުރުމަށް ކަނޑައެޅިފައިވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައިވާ ފެސިލިޓީތަކުގައި. އަދި ކައުންސިލުތަކަށް ރިޕޯޓު ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، މަތީގައި އެވާ ކަންކަމަށް ރިޢާޔަތްކޮށް ތަރުތީބުކޮށް ރަށަށް ފޮނުވާނެ ފަރާތްތަކުގެ ލިސްޓު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން. މިގޮތަށް ނިންމާ ފަރާތްތައް ކަރަންޓީނު ކުރާނީ ކައުންސިލުތަކުން އެރަށެއްގައި ކަނޑައަޅާ، އަދި ކައުންސިލުގެ ބެލުމުގެ ދަށުން ބަލަހައްޓާ ފެސިލިޓީތަކެއްގައި." ޖެންޑަރ މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.
ދިމާވާ ޚާއްޞަ ހާލަތެއްގެ ސަބަބުން ރަށްރަށަށް މީހުން ފޮނުވުމަށް ކަނޑައަޅާ ތަރުތީބަށް ބަދަލު ގެނައުމުގެ ބާރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އަށް ލިބިގެންވާކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.