މިއަދަކީ އިންޑިއާގައި އެއްދުވަގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަސް

އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން މިއަދަކީ އެގައުމުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން އެއްދުވަހުގެ ތެރޭގައި އެބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

މިގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އިންޑިއާއިންވަނީ 3،900 މީހުން ޕޮޒިޓިވްވެފައެވެ. މިއާއެކު އިންޑިއާއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 46،433 އަރައިފައެވެ.

އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއްދުވަހުގެ ތެރޭގައި މިހާ ބޮޑު އަދަދަކުން އިތުރުވެފައި މިވަނީ މިބައްޔަށް ޓެސްޓްކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރު ކޮށްފައި ވަނިކޮށެވެ. މިގޮތުން އިއްޔެވަނީ އިންޑިއާގައި 80،000 ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ.

މީގެއިތުރުން އިންޑިއާގައި މާރޗު 24 ވަނަ ދުވަހު އިއުލާންކުރި ފުރަބަންދަށްވެސް މިހާރުވަނީ ލުއިތަކެއް ދީފައެވެ. މިގޮތުން ބައެއް ފިހާރަތަކާއި އޮފީސްތައް ހުޅުވުމުގެ ހުއްދަވަނީ ދީފައެވެ.

އިންޑިއާއަކީ ދުނިޔޭގައި އާބާދީ ދެވަނައަށް އެންމެ ބޮޑު ގައުމަށްވެފައި އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ނިސްބަތުން ދައްވުމުން އެގައުމުގެ ސަރުކާރުން މިބަލި ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ކާމިޔާބުކަން ގިނަ ފަރާތްތަކަކުން ފާހަގަ ކުރެއެވެ. އަދި ހާއްސަކޮށް ގައުމު ފުރަބަންދަށް ގެނެސް ކާފިއު އިއުލާން ކޮށް އެކަން ދެމެހެއްޓުމަށް ފުލުހުންކުރި ބުރަ މަސައްކަތްތައްވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އިންޑިއާގައި ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 46،433 މީހުންނެވެ. އަދި މިބަލީގައި މަރުވެފައިވަނީ 1,693 މީހުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ