ހާލުގައި ޖެހިފައިވާ މީހުންނަށް ސަލްމާން ޙާން އެހީވަނީ!

ދުނިޔެއަށް ދިމާވާ ކާރިސާތަކުގައި ފަޤީރުންނާއި ހާލުގައި ޖެހިފައިވާމީހުންނަށް އެހީވުމުގެ ދުނިޔޭގެ މަޝްހޫރު ފަރާތްތަކުން އަބަދުވެސް ނަމޫނާ ދައްކައެވެ. އެގޮތުން ބޮލީވުޑްގެ އެކްޓަރު ސަލްމާން ޙާން އަކީ، އަބަދުވެސް މިފަދަ ދަނޑިވަޅުތަކުގައި އާއްމުންނަށް އެހީވާ ތަރިއެކެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި އިންޑިއާ ލޮކްޑައުންގައި އޮތް އިރު، އެކްޓަރު ސަލްމާން ހުރީ އޭނަގެ ކުރިއަށް އޮތް ފިލްމް "ރާދޭ: މޯސްޓް ވޯންޓެޑް މޭން" ގެ ޝޫޓިންއަށް ގޮސް، މުމްބާއިގެ ޕަނެވޭލް އަވަށުގައި ހުންނަ އޭނަގެ އާއިލާގެ ފާމް ހައުސްއެއްގައެވެ. އެހެންނަމަވެސް ހޯމް ކަރަންޓީނުގައި ހުރެވެސް، ސަލްމާން ދަނީ އެ އަވަށުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އެހެނިހެން އެހީތަށް ވަމުންނެވެ.

އެ އަވަށުގެ މީހުންނަށް އެހީވުމުގެ ގޮތުން ސަލްމާން ވަނީ، "ބީންގ ހޭންގްރީ" ގެ ނަމުގައި ހަރަކާތެއްވެސް ފަށައިފައެވެ. ސަލްމާންގެ ޕްރޮޑަކްޝަން ކުންފުނިން ހިންގާ މި ހަރާކާތް މެދުވެރިކޮށް، ހަރަކާތުގެ ވޮލިންޓިއަރުން މުމްބާއިގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ ޓްރަކެއްގައެވެ. އަދި ޓްރަކްގައި ހަރަކާތުގެ ނަން "ބީންގ ހޭންގްރީ" ޖަހާފައިވެއެވެ.

ވޮލިންޓިއަރުން މި ޓްރަކްތަކުގައި އާއްމުންނަށް އެހީވުމުގައި ހަރަކާތްތެރިވާ ވީޑިއޯތަކާ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެފައިވާއިރު، ގިނަ ބަަޔަކު ދަނީ ސަލްމާންއަށް ތައުރީފްކުރަމުންނެވެ.

"ރާދޭ: މޯސްޓް ވޯންޓެޑް މޭން" ފިލްމްގެ ޝޫޓިއަށްދިޔުމަށްފަހު، ލޮކްޑައުންއާއި ގުޅިގެން ސަލްމާންގެ ފާމް ހައުސްގައި މި ފިލްމްގެ އެކްޓަރުންނާއިއެކު ހޯމް އައިސޮލޭޝަންގައި އެންމެން ތިބިއިރު، މީގެ ކުރިންވެސް ސަލްމާން ވަނީ، މަގުމައްޗަށް ނުކުމެ އަވަށުގެ މީހުންނަށް އެހީވެފައެވެ. އަދި މިކަމުގައި ސަލްމާންއާއެކު ހޯމް އައިސޮލޭޝަންގައި ހުރ ފިލްމްގެ އެހެން އެކްޓަރުންވެސް ވަނީ އެހީވެފައެވެ. އެގޮތުން އެކްޓްރެސް ޖެކަލިން ފަރނޭޑަސް ވެސް މިވަގުތު ހުރީ ސަލްމާން އާއި އެކު ހޯމް އައިސޮލޭޝަންގައެވެ.

އިންސާނިއްޔަތަށްޓަކައި ސަލްމާންގެ މި އަމަލުތަކުގެ ސަބަބުން އާއްމުން ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ތައުރީފްކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ