ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ / ފޮޓޯ: ވީނިއުސް

އިމްރާން އަކީ ސިޔާސީ ފައިދާ ނެގުމަށް ދީނީ ތާކިހާ އަޅުއްވައިގެން އުޅޭ ބޭފުޅެއް - އިދިކޮޅު

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަކީ ސިޔާސީ ފައިދާ ނެގުމަށްޓަކައި ދީނީ ތާކިހާ އަޅުއްވައިގެން އުޅުއްވާ ބޭފުޅެއްކަމުގައި ސިފަކުރައްވައިފިއެވެ.

އެކޯލިޝަނުން މިހެން ވިދާޅުވެފައި ވަނީ، ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އެ ކޯލިޝަނުން ޤަބޫލުކުރާކަމަށް ބުނެ ހޯމް މިނިސްޓަރ ރޭ ދައްކަވާފައިވާ ވާހަކަތައް ކުއްވެރިކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ މި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ފައިދާ ނެގުމުގެ ބޭނުމުގައި ދީނީ ތާކިހާ ޅުއްވައިގެން، ނަމުގެ ކުރިއަށް ޝެއިޚް ވިދާޅުވާ ބޭފުޅަކު އެފަދަ ނާތަހުޒީބު ފިނޑި ކަންކަން ކުރައްވަމުން ގެންދެވުމަކީ އެކޯލިޝުން ކަންބޮޑުވާ ކަމެއްކަމަށާއި، އެ ކޯލިޝަން ބަދުނާމު ކުރުމަށްޓަކައި ދައްކަވާ އެފަދަ ދޮގު ވާހަކަތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އެކޯލިޝަނުން ވިދާޅުވީ އެ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރ ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ކޮވީޑް 19
އިން ރައްކާތެރިވުމަށް އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތްކަން އެ ކޯލިޝަނުން ތަކުރާރުކޮށް ހާމަކޮށްފައިވާނެކަމަށާއި، އަދި ސީދާ ރައީސުލްޖުމްހޫރިއްޔާ އަރިހުގައިވެސް އެވާހަކަތައް ދަންނަވާފައިވާނެކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެކަމަށް އެމަނިކުފާނު އިޖާބަ ދެއްވާފައި ނުވާކަން އެ ކޯލިޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ކަމުނުދާ ކަމާއި، ސިއްހީ ޚިދުމަތްތެރިންނަށް ސިޔާސީ ނުފޫޒު ފޯރުވުމެއްނެތި، އެފަރާތްތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އެ ކޯލިޝަނުން ވާނީ ގޮވާލާފައެވެ.

އެ ކޯލިޝަނުން ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާ ކަންކަން ރަނގަޅު ނޫންކަމާއި، އަދި ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް، ވަގުތު ފާއިތުވުމުގެ ކުރިން އަޅަމުން ގެންދިއުމަށްވެސް އެ ކޯލިޝަނުން ގޮވާލަމުން ގޮސްފައިވާނެކަމަށާއި، ސިއްހީ މާހިރުން ދައްކާ ވާހަކަތައްވެސް ސަރުކާރުން ޤަބޫލު ނުކުރުމުގެ ނަތީޖާ މިއަދު ފެންނާން އޮތްކަމަށެވެ.

ކޯވިޑް 19 ރާއްޖެގައި މިހާރު ފެތުރިފައިވާ މިންވަރަށް ފެތުރިގެން ގޮސްފައިވަނީ ސަރުކާރުގެ ދޯހޮޅި ސިޔާސތުތަކާއި ސަރުކާރުގެ އިހުމާލު އެކުމުގައި އޮތް މިންވަރުގެ ބޮޑުކަމުންކަމުގައިވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ކޯވިޑް-19 އިން ރައްކާތެރިވުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިސްރާފުކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ ޢަމަލުތައް ހިންގައި، ބޭރުގެ އެކިއެކި ފަރާތްތަކުން ލިބޭ ހިލޭ އެހީއާއި، ނަގަމުން ގެންދާ ލޯނުތަކަށް ވާނުވާ ނޭންގި ދައުލަތުގެ އިޤްތިޞާދު ހީނަރުވަމުން ދިއުމަކީ އެކޯލިޝަން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ އެންމެ އިސް ސަފުގައި ހީވާގި ކަމާއެކު މަސައްކަތް ކުރަމުން ގެންދާ ސިފައިންނާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާކުޑަކުރެވި، އެފަރާތްތަކުގެ ރައްކާތެރިކަމަށް ބޭނުންވާ އާލާތްތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެއްވިފައި ނުވުމުގެ ސަބަބުން އެފަރާތްތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ކޯވިޑް 19 އަށް ޕޮސިޓިވް ވަމުން ދިއުމަކީ އެ ކޯލިޝަނުން ކަންބޮޑުވުން އިތުރުވާ ކަމެއްކަމުގައއި އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ