އައިޖީއެމްއެޗް ޑޮކްޓަރާއި ނަރުސް ޕޮޒިޓިވްވީ މަސައްކަތުގެ މާހައުލަކުން ނޫން ކަމަށް އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެ އެވެ.
ޑރ. އަލީ ނަޒީމް ވިދާޅުވީ އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދާ އެއް ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. އެހެންނަމަވެސް އެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެމީހުންގެ ކޮމިއުނިޓީ ތެރޭއިން ކަމަށެވެ.
"އަޅުގަނޑަށް އިނގިގެން މިހާރު 1 ޑޮކްޓަރާއި 1 ނަރުހާއި ޕޮޒިޓިވް ވެފައި އެބަހުރި. އެކަމަކު އެއީ އައިޖީއެމްއެޗްގެ މަސައްކަތާއި ރިލޭޓު ވެގެނެއް ނޫން. އެހެން ގޮތަކުން އެމީހުން ޕޮޒިޓިވްވިކަމަށް އަޅުގަނޑުމެންނަށް އިނގިފައި މިއޮތީ" ޑރ ނަޒީމް ވިދާޅުވި އެވެ.
ޑރ ނަޒީމް ވިދާޅުވީ އެމީހުން ޕޮޒިޓިވް ވެފައިވަނީ ހޮސްޕިޓަލަށް ހުށައެޅިގެން ނުވަތަ ހޮސްޕިޓަލުގައި މަސައްކަތް ކުރަނިކޮށް ނުވަތަ އޭގެން އެއްވެސް ކޭސް އަކަށް އެކްސްޕޯސް ވެގެން ނޫން ކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރާއި ނަރުސް ޕޮޒިޓިވްވުމާއި ގުޅިގެން އައިޖީއެމްއެޗްގެ ބައެއް މުވައްޒަފުން ކަރަންޓީނު ކޮށްފައިވާކަމަށް ޑރ ނަޒީމް ވިދާޅުވިއެވެ.
އައިޖީއެމްއެޗް އަށް ގެންދާ ބަލި މީހުންނާ ހަވާލުވާ ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބެނީ ޕީޕީއީގައި ކަމަށް ޑރ. ނަޒީމް ވަނީ ވިދާޅުވެފައެވެ.
								
											

