ނެޓްފިލްކްސް އިން ދައްކަމުން އަންނަ ކާމިޔާބު ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް"ގެ ކާމިޔާބު ހަތަރު ސީޒަނެއް މިހާރު ދައްކާފައިވާއިރު، ފަސްވަނަ ސީޒަންވެސް ގެނެސްދޭނެކަން ވަނީ އިޢުލާންކޮށްފައެވެ. އެއާއެކު މި ޙަބަރު ވެގެންގޮސްފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި "މަނީ ހައިސްޓް" ގެ ފޭނުންނަށް ލިބުނު ވަރަށް އުފާވެރި ޙަބަރަކަށެވެ.
ޙަބަރުތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ކުރިއަށް އޮތް ސީޒަން އެނބުރި އަންނާނީ، މުޅި ވާހަކަ ބަދަލުކޮށްލާނެ ބޮޑު ޓްވިސްޓަކާއެކުއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 4ގައި، "މަނީ ހައިސްޓް"ގެ 4 ވަނަ ސީޒަން ނުކުތްއިރު، މި ސީޒަން ނިއްމާލީ ބެލުންތެރިން ރޮށްވާލަމުންނެވެ. އެއީ ސީރީޒްގެ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ކެރެކްޓަރ “ނައިރޯބީ”ގެ މަރާއެކުއެވެ. އަދި ސީޒަން ހަތަރެއް ނިއްމާލިއިރުވެސް، "ބޭންކް އޮފް ސްޕެއިން" ގެ ހައިސްޓްގެ މިޝަން ކާމިޔާބުވެފައެއް ނުވެއެވެ.
އެންމެ ސިއްސުވާލި ނައިރޯބީގެ މަރުގެ އިތުރުން، ސީޒަން 4 ނިއްމާލިއިރު،، އިންސްޕެކްޓަރު އެލީސިއާ ވަނީ ސީރީޒްގެ މައިގަނޑު ކެރެކްޓާ ޕްރޮފެސަރު ހުރި ތަނެއް ހޯދައި އޭނާ ގާތަށް ގޮސްފައެވެ. އަދި ޕްރޮފެސަރގެ ލޯބިވެރިޔާ ލިސްބަން ފުލުހުން ކިބައިން މޮޅު ރޭވުމަކުން ސަލާމަތް ކުރުމަށްފަހު، ބޭންކް އޮފް ސްޕެއިންގެ ތެރެއަށް ވަދެ ހައިސްޓްގެ އިތުރު މެންބަރުންނާއި ގުޅެއެވެ. އަދި ހައިސްޓްގެ ހުރިހާ މެންބަރުން ވެގެން ނައިރޯބީއަށްޓަކައި ހައިސްޓް ކާމިޔާބުކުރުމަށް ވަނީ އަޒުމު ކަނޑައަޅާފައެވެ.
ކޮންމެއަކަސް، މި ސީރީޒް އަކީ، މުޅި ދުނިޔޭގައި މިވަގުތު އެންމެ ގިނަ ބަޔަކު ބަލާ ސީރީޒްއެވެ. އަދި ޙަބަރުތަކުގައި ބުނާގޮތުން، ސީޒަން 4 ދައްކަން ފެށުމުގެ ކުރިން ސީޒަން 5 ގެނެސްދިނުމަށް ނެޓްފިލްކްސްއާއިއެކު، ސީރީޒްގެ އުފެއްދުންތެރިން ވަނީ އެއްބަސްވެފައެވެ. އަދި މަނީ ހައިސްޓްގެ ސީޒަން ހައެއްވެސް ގެނެސްދޭން އެއްބަސްވެފައިވާކަމުގެ ޙަބަރުތަކެއް ފެތުރިފައެވެ.
ނެޓްފިލްކްސްގެ ފަރާތުން މިއިން އެއްވެސް ވާހަކައެއް އަދި ކަށަވަރުކޮށްދީފައި ނުވިނަމަވެސް، ޝޯގެ ޑައިރެކްޓަރު ވަނީ، ފަސްވަނަ ސީޒަންއެއް އަންނާނެކަމަށް ބުނެފައެވެ.
މަނީ ހައިސްޓްގެ ވާހައަކަ އާއި މެދު، ޝޯ އުފެއްދި ފަރާތްތަކުން ބުނީ، މި ސީރީޒްގެ ދިގުދެމިގެންދާނީ ކިތައް ސީޒަނައްކަމެއް އަދި ނުވިސްނާކަމަށެވެ. އަދި ސީރީޒްގައި މިހާރު ހިނގާކަންތައްތައް ނުވަތަ ވާހަކަ ކުރިއަށްގެންދެވޭނެ ގޮތް ކުރިން އަންދާޒާ ކުރެވުނު ނަމަ، "ބާރލިން" ގެ ކެރެކްޓަރ މަރާނުލިސް ކަމުގައިވެސް ބުނެފައިވެއެވެ.
މަނީ ހައިސްޓް އަކީ،2017 ވަނަ އަހަރު ދައްކާފައިވާ ސީރީޒްއެކެވެ. ނަމަވެސް މަނީ ހައިސްޓް މަޝްހޫރުވެގެން ދިޔައީ، ނެޓްފިލްކްސް އިން އެ ސީރީޒް ދައްކަން ފެށުމާއެކުއެވެ.
މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.




