ސަމާލުވޭ: މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ މިއަދު މެންރުދު 13:10 އިން ފެށިގެން 15:30 އާއި ހަމައަށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ބާރަށް ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރެއްކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެލާޓް ނެރެމުންނެވެ. އެގޮތުން މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ކ. އަތޮޅާއި ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި އެހެން ހިސާބުތަކަށް ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ