ކޮވިޑް-19 އާއި ގުޅިގެން މުޅި އިންޑިއާ ލޮކްޑައުންގައި އޮތް އިރު، އެކްޓަރު ސަލްމާން ހުރީ އޭނަގެ ކުރިއަށް އޮތް ފިލްމް “ރާދޭ: މޯސްޓް ވޯންޓެޑް މޭން” ގެ ޝޫޓިންއަށް ގޮސް، މުމްބާއިގެ ޕަނެވޭލް އަވަށުގައި ހުންނަ އޭނަގެ އާއިލާގެ ފާމް ހައުސްއެއްގައެވެ. މި ފިލްމްގެ އެކްޓަރުންނާއެކު މި ވަގުތު ހޯމް އައިސޮލޭޝަންގައި ފިލްމްގެ އެހެން ތަރިންވެސް ހުރީ ސަލްމާންގެ މި ފާމް ހައުސްގައެވެ.
އެއާއެކު، ލޮކްޑައުން އަށް ހާއްސަކޮށް ސަލްމާންގެ އަޑުން ކިޔާފައިވާ ލަވަަ "ތެރޭ ބިން" ގެ ޓީޒާއެއް އިއްޔެ ވަނީ ދައްކާލައިފައެވެ. މި ލަވައިން ފެނިގެންދަނީ، ސަލްމާން އާއި އެކު ފިލްމްގެ ލީޑު ބަތަލާގެ ރޯލު ކުޅޭ ޖެކަލިން ފަރްނޭންޑަޒް އެވެ.
މި ލަވައިގެ ހުރިހާ މަންޒަރެއްވެސް ޕަނެވޭލް އަވަށުގައި ނަގާފައިވާއިރު، ސަލްމާން ބުނި ގޮތުގައި މިއީ މިހާތަނަށް އެންމެ ކުޑަ ބަޖެޓަކުން އުފެއްދި ލަވަ ކަމަށެވެ. މި ލަވައިގެ މަންޒަރުތައް ނަގާފައިވަނީ، ކޮވިޑް-19 ގެ ލޮކްޑައުން އަށްފަހުއެވެ. މި ލަވައިގެ ޓީޒާ މިހާރު ރިލީޒްކުރުމާއެކު، ޓީޒާ އަށް ދަނީ އާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
ސަލްމާން ގެ އަޑުން މި ލަވަ ކިޔާފައިވާއިރު، މި ލަވައިގެ މިޔުޒިކް ކޮމްޕޯސްކޮށްފައިވަނީ، އަޖޭ ބާޓިއާ އެވެ.
“ރާދޭ: މޯސްޓް ވޯންޓެޑް މޭން” މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ، ކުރިއަށް އޮތް އީދުގައެވެ. އެހެންނަމަވެސް، ލޮކްޑައުން އާއިއެކު، ފިލްމް އަވަހަށް އެޅުވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ފިލްމްގެ ޓީމުން އަދި ދީފައެއް ނުވެއެވެ.
މި ލަވައިގެ ފުލް މިޔުޒިކް ވީޑިއޯ ރިލީޒް ކުރާނީ، މި މަހުގެ12 ގައެވެ.




