އަންހެނުންނަށްވުރެ ކޮވިޑް-19 ގެ ރިސްކް ފިރިހެނުންނަށް ބޮޑީ ކީއްވެ؟

އަންހެނުންނަށްވުރެ ކޮވިޑް-19 ގެ ރިސްކް ފިރިހެނުންނަށް ބޮޑުކަން ޔޫރަޕުން ހޯދި ހޯދުމަކުން އެނގިއްޖެއެވެ.

މި ހޯދުމުން އިނގުނުގޮތުގައި އަންހެނުންނަށްވުރެ ފިރިހެނުންގެ ލޭގައި އަލަށް ފެނިފައިވާ ކޮރޯނާވައިރަސް އިން ސެލްތައް އިންފެކްޓް ކުރުމަށް ބޭނުންކުރާ ކީ އެންޒައިމް މާ ގިނައެވެ.

އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް 2 (އޭސީއީ2) އަކީ ލޭހޮޅިތައް ހަނިކޮށް އޭގެ އެތެރޭގެ ޕްރެޝަރު މަތިކުރުވާ މާއްދާ އެކެވެ. މި މާއްދާއަކީ ހިތާއި، ކިޑްނީގެ އިތުރުން އެހެން އޯރގަން ތަކުންވެސް ފެންނަ މާއްދާއެކެވެ. ނޮވެލް ކޮރޯނާ ވައިރަސް ގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ދަތިތަކެއް ދިމާވެއެވެ. އެހެންކަމުން މިއީ ފުއްޕާމޭގައި ޖަރާސީމު އަށަގަތުމުގައި ރޯލެއް އަދާކުރާއެއްޗަކަށް ވެދާނެއެވެ.

ހިތުގެ މައްސަލަތަކާއި، ކިޑްނީގެ މައްސަލަތަކުގެ އިތުރުން ހަކުރުބަލި ހުންނަ ފަރާތްތަކަށް މުޅި ދުނިޔޭގައި ޑޮކްޓަަރުން ގިނަ އަދަދަކަށް ދެމުން ގެންދާ ބޭސްތައް ކަމުގައިވާ އޭސީއީ އިންހެބިޓާރސް އަދި އެންޖީއޯޓެންސިން 2 ރިސެޕްޓަރ ބްލޮކާރޒްސް (އޭ.އާރް.ބީސް) އަކީ ލޭހޮޅިތައް ހަނިކޮށް އޭގެ އެތެރޭގެ ޕްރެޝަރު މަތިކުރުވާ މާއްދާ އުފެދުން މަނާކޮށް ކުޑަކޮށްދޭ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން މިބޭސްތައް ބޭނުންކުރުމުން ލޭހޮޅިތައް ފުޅާވެ، ލޭގެ ޕްރެޝަރު ދަށްވެގެން ދެއެވެ. އެހެންކަމުން މި ބޭސް ބޭނުންކުރުމަކީ ކޮވިޑް-19 ގެ ރިސްކެއް ނޫންކަމަށް ޔޫރަޕިއަން ހާރޓް ޖާރނަލްއިން ހޯދި ހޯދުމުގައި ވެއެވެ.

"ކޮވިޑް-19 ގެ ބަލި މީހުން މި ބޭސްތައް ބެނުންކުރުން މެދުކަނޑާލުމަކަށް އަހަރެމެންގެ ހޯދުންތައް އެއްބާރުލުމެއްނުދޭ" ނެދާރލެންޑް ޔުނިވާސިޓީ މެޑިކަލް ސެޓްޓަރުގެ ކާރޑިއޮލޮޖީ ޕްރޮފެސާރ އެޑްރިއާން ވޫރްސް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 ގެ ވައިރަސް މުޅި ދުނިޔެއިން މިހާތަނަށް 4 މިލިއަނަށްވުރެ ގިނަ މީހުނަށް ޖެހިފައިވާއިރު މި ވައިރަހުގެ ސަބަބުން 2 ލައްކައަށްވުރެ ގިނަ މީހުން މިވަނީ މަރުވެގެން ގޮސްފައެވެ. މީގެ ތެރޭގައި މިބަލީގައި ހާލަތު ގޯސްވުމާއި ދުނިޔެދުކުރާ މީހުންގެ ނިސްބަތް އަންހެނުންނަށްވުރެ ފިރިހެނުން ގިނައެވެ.

ޕްރޮފެސާރ ވޫރްސްގެ ޓީމުންވަނީ ޔޫރަޕްގެ 11 ގަައުމަކުން ހިތުގެބަލި ހުރި 3500 އަށްވުރެ ގިނަ މީހުންގެ ލޭގެ ސާމްޕަލް ނަގައި ލޭހޮޅިތައް ހަނިކޮށް އޭގެ އެތެރޭގެ ޕްރެޝަރު މަތިކުރުވާ މާއްދާ (އޭސީއީ2) ގެ ކޮންސެންޓްރޭޝަން ބަލާފައެވެ. މި ހޯދުމަކީ ކޮވިޑް-19 ގެ ކުރިން ހޯދަންފެށި ހޯދުމެއްކަމުން ކޮވިޑް-19 ގެ އެވެސް ޕޭޝަންޓެއް މި ހޯދުމުގައި ނުހިމެނެއެވެ. އެކަމަކު އެހެން ދިރާސާތަކުން އޭސީއީ2 އަކީ ނޮވެލް ކޮރޯނާވައިރަސް، ސެލްގެ ތެރެއަށް ވަނުމަށް މަގުފަހިކޮށްދޭ މާއްދާކަމަށް ބުނަންފެށުމުން ވޫރްސް އާއި އޭނާގެ ޓިމަށް އެމީހުން ހޯދަމުންދިޔަ ހޯދުންތަކުގެ ތެރެއިން މުހިންމު ނުކުތާއެއް ފާހަގަވެގެންދިޔައެވެ.

"އަހަރެމެންގެ ހޯދުންތަކުން ފެނުނު ގޮތުގައި އެންމެ ވަރުގަދަ ބަޔޯމޭކަރ، އޭސީއީ2 އަންހެނުނަށްވުރެ މާބޮޑަށް ފިރިހެނުންގެ ގައިގައި ގިނަ، އެހެންކަމުން އަހަންނަށް އިހުސާސްވި މިއީ ކޮވިޑް-19 ގައި އަންހެނުންނަށްވުރެ ފިރިހެނުން މަރުވުމުގެ ފުރުސަތު ބޮޑީ ކީއްވެގެންކަން ބަޔާންކޮށްދޭނެ ކަމެއްކަން" ޕްރޮފެސާރ ވޫރްސްގެ ދަށުން މި ހޯދުން ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވި ޔުނިވާރސިޓީ މެޑިކަލް ކޮލެޖްގެ ޑޮކްޓަރ އިޒިއަހް ސަމަ ވިދާޅުވިއެވެ.

އޭސީއީ2 ހުންނަނީ ސެލް ގެ ބޭރުގައިކަމުން އާ ކޮރޯނާވައިރަސްއާއި އެކުވެ ގުޅުމުން ސެލްްގެ ތެރެއަށް ވައިރަސްވަދެ ސެލްގައި ޖަރާސީމު އަށެގަތުމަށް މަގުފަހިވެއެވެ.

ވޫރްސް އާއި ސަމާ ފާހަގަ ކުރެއްވި ގޮތުގައި އޭސީއީ2 ހިތާއި، ފުއްޕާމޭ ކިޑްނީ އަދި ލޭހޮޅިތަކުގެ ކައިރިފަށުގެ އިތުރުން ފިރިހެނުންގެ ދަރިފަނި އުފައްދާ ތަން ކަމުގައިވާ ޓެސްޓެސް އިން ގިނަ އަދަދަކަށް ފެނިފައިވެއެވެ. އެބޭފުޅުން އިތުރަށް ވިދާޅުވެފައިވަނީ އޭސީއީ2 ޓެސްޓެސް ގައި ހުރުމަކީ ފިރިހެނުންގެ ގައިގައި އޭސީއީ2 ކޮންސެންޓްރޭޝަން ގިނަވުމަށް ދިމާވާ ސަބަބެއްކަމަށް ސާބިތުކޮށްދޭ ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ގެ ރިސްކް އަންހެނުންނަށްވުރެ ފިރިހެނުންގެ ބޮޑެވެ.

 

.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މލ

    ކޮން ކަހަލަ ފޯޓޯއެއްތަ ތިހުރީ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ