އިބްރާހީމް ރިފްއަތް - ފޮޓޯ: ރާއްޖެޓީވީ

ކައުންސިލްތަކުގެ ދައުރު ދިގު ކުރެވޭނީ ޤާނޫނު އަސާސީ އިސްލާހުކޮށްގެން - އޭޖީ

މިހާރު މި އޮތް ކައުންސިލްތަކުގެ ދައުރު ދިގު ކުރެވޭނީ ޤާނޫނު އަސާސީ އިސްލާހުކޮށްގެން ކަމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ. އެ މަނިކުފާނު މަޖިލީހަށް ސިޓީ ފޮނުވާފައި މިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލަށް އިސްލާހު ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައެވެ.

ބަންޑާރަނައިބުގެ ސިޓީގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގޭނީ އެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އިންތިޚާބުކުރެވޭ ބަޔަކަށްކަމުގައި ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ހިމެނޭ އެހެން މާއްދާތަކުން އެނގެން އޮންނަ ކަމަށެވެ. އަދި މިހާރު އިންތިޚާބު ކޮށްފައިވާ ކައުްނސިލްތަކުގެ ދަޢުތު އަންނަ ޖޫން03 ވަނަ ދުވަހު ހަމަވާއިރު، އާ ކައުންސިލެއް އިންތިޚާބު ނުކުރެވިއްޖެ ނަމަ ދިމާވާނެ ޤާނޫނީ ހުސްކަން ފޫބެއްދޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ކޮވިޑް-19 އާއި ގުޅިގެން ވަނީ ފަސްކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން 29 އޭޕްރީލް 2020 ގައި ފާސްކުރި ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ޚާއްސަ ބިލް 2020، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ތަސްދީޤު ކުރައްވާފައެވެ.

މި ބިލްގައި ވާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ 2021 ވަނަ އަހަރުގެ ޖަނަވަރީ 06 ގެ ކުރިން ބާއްވާ ނިންމަން ޖެހެއެވެ. ނަމަވެސް މިހާރު ތިބި ކައުންސިލަރުންގެ ދަޢުރު އަންނަ ޖޫމް މަހު 03 ވަނަ ދުވަހު ހަމަވާނެއެވެ. އެހެން ކަމުން އިންތިޚާބު ބޭއްވެންދެން އެ އަންނަ ދުވަސްތަކުގައި ދެން އަމަލު ކުރާ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި މިހާރު ދަނީ ކުރެވެމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ބައެއް މެންބަރުން ވަނީ ގާނޫނުއަސާސީ އިސްލާހުނުކޮށް، އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތައް ހިންގުމަށް ހުށައަޅާފައެވެ.

ނަމަވެސް ބަންޑާރަ ނައިބު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ އިސްލާހު ނުކޮށް މިހާރު ތިބި ކައުންސިލްތަކުގެ ދަޢުރު ދިގު ނުކުރެވޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ