އަތޮޅު ތެރޭގައި މުދާ އުފުލަން ހާއްސަ ފެރީތައް ބާއްވަނީ

އަތޮޅު ތެރޭގައި މުދާ އުފުލުމަށް ހާއްސަ ފެރީތައް ބާއްވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީ އިން ފެރީތައް ބާއްވަމުން ދާނީ އެލްޖީއޭ އާއި އަތޮޅު ކައުންސިލް ތަކާއި ގުޅިގެންނެވެ. މި ފެރީ ތަކުގައި އެއްވެސް ފަސިންޖަރަކު ނެގެންދެވޭނެ ކަމަށާއި މި ދަތުރުތައް ކުރުމަށް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް އެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ލޮކްޑައުން ކުރުމާއިއެކު އެމްޓީސީސީން ފަސިންޖަރުން ގޮވައިގެން ރަށް ރަށުގައި ކުރި ފެރީ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ. ފަސިންޖަރުން އުފުލުމަށް ބޭނުން ކުރި ފެރީތަކުގައި ކުރާ މިދަތުރުތައް ފުވައްމުލަކާއި އައްޑޫ ސިޓީ ގައި ނޫން އެހެން ހުރިހާ ހިސާބެއްގައި ބޭއްވުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ފެރީތައް ބާއްވާނީ އެ އަތޮޅެއްގެ ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި ކަމަށެވެ. ކައުންސިލްތަކުން ބޭނުންވާ ނަމަ ކޮންމެ ހަފްތާ އަކު ވެސް މިގޮތަށް ދަތުރުތައް ބާއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް މީހުން ދިއުން މަނާ ކުރުމާއިއެކު ރަށް ރަށައް މުދާ އުފުލުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. މިހާރުވެސް ބައެއް ކައުންސިލު ތަކުން ދަނީ މި ހާލަތުގައި ރަށަށް ބޭނުންވާ މުދާ ގެނައުމުގައި ދަތުރުތައް ބާއްވަމުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ