އާ އަހަރު ފެށުމާއެކު، އެންމެންވެސް މިއަހަރު ކުރާނެ ކަންތަކާއި، ދާން ބޭނުންވާ މަންޒިލުތަކާއި، ހަޔާތުގައި ހާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ކަނޑައެޅިއެވެ. އެހެންނަމަވެސް، އަހަރު ރަނގަޅަށް ފަށައިނުގަނެވި އުޅެނިކޮށް ކުރިމަތިލާންޖެހުނީ، ކޮވިޑް-19 ގެ ބިރުވެރިކަމާއެވެ. އެހެންކަމުން އެތައް ބަޔަކު މަޔޫސްކޮށްލާ، ކުރަން ބޭނުންވި އެތައް ކަމަކަށް ހުރަސް އެޅި ނުކުރެވިފައި އެބަތިއްބެވެ.
ޒަވާޖީ ހަޔާތެއް ފަށަން ތައްޔާރުވެގެން ތިބި އެތައް ބައިވެރިންނެއްވެސް މަޔޫސްކޮށްލީއެވެ. ކައިވެނި ހަފްލާތައް ބާއްވަން އެތައް ހަރަދެއް ކުރުމަށްފަހު އެކަންވެސް ޖެހުނީ ކެންސަލްކޮށްލާށެވެ. އާއިލާއާއި ރައްޓެހިންނަށް ދައުތު ކާޑުވެސް ފޮނުވާފައިވަނިކޮށް، މި ކަމެއް ލައިގަތީއެވެ. ހަމައެހެންމެ ކައިވެންޏަށް ފަހު ހަނީމޫނަށް ރާއްޖޭން ބޭރަށާއި ރިސޯޓުތަކަށް ދާން ރަވައިގެން ތިބި ބައިވެރިންނަށްވެސް އެކަން ވާގޮތް ނުވީއެވެ.
ރޯދައަށް ޗުއްޓީ ނަގައިގެން ރަށަށް ދާން ހިތުލައިގެން ތިބި ގިނަ ބަޔަކުވެސް މިވަގުތު ހުރީ މާލޭގައި ތާށިވެފައެވެ. އާއިލާ އާއި ރައްޓެހިންނާއެކު ރޯދަމަހުގެ ދުވަސްތައް ހޭދަކުރުމަށް ހިތުލައިގެން ހުރިނަމަވެސް، މި ވަގުތު ގިނަ ބަޔަކު ތިބީ އާއިލާއާއި ދުރުގައެވެ. އަދި ރައްޓެހިންނާއެކު ކުޅެ މަޖާކޮށް ހެދުމަށް ރާވައިގެން ހުރި މަސްދަތުރުތަކާއި، ވެކޭޝަން ޓްރިޕްތައް ވެސް ޖެހުނީ ކެންސަލް ކޮށްލާށެވެ.
މަތީ ތައުލީމު ހާސިލް ކުރުމަށްފަހު އެނބުރި ގައުމަށް އަންނަން ބޭނުންވެފައި ތިބި ކުދިންވެސް މިވަގުތު ހުރީ މާޔޫސްކަމެއްގެ ތެރޭގައެވެ. ކިޔެވުން ނިއްމުމަށް ހުރަސް އެޅި، އިތުރު ދުވަސްތަކެއް އަނެއްކާވެސް ކިޔެވުމުގައި ހޭދަކުރަން ޖެހި ކިޔެވުން ދިގުލައިގެން ދާތީއެވެ. ދެކުނު ގިނަ ހުވަފެންތަކެއް ފުނޑުފުނޑުވީއެވެ.
އެހެންކަމުން މި ބަލި މަޑުކަމުން ސަލާމަތް ވުމުން ނުވަތަ ލޮކްޑައުން ނިމުން ކުރަން ބޭނުންވެފައި ހުރި ނުވަތަ ހާސިލްކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުންނާނެއެވެ. އާއިލާ ކައިރިއަށް އެނބުރި ދާން ބޭނުންވާނެއެވެ. ދިމާ ނުވާތާ ގިނަދުވަސްވެފައިވާ ރައްޓެހިންނާއެކު، ކޮފީތަކަށް އަރާ މަޖާކުރަން ބޭނުންވާނެއެވެ. ވީމާ މިކަމުން ސަލާމަތް ވުމާއެކު އެންމެ ފުރަތަމަ ކުރަން ވިސްނައިގެން ތިހުރީ ކޮންކަމެއް ހެއްޔެވެ؟.



