މާލެ ލޮކްޑައުން (ފުރަބަންދު) ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެޗްއީއޯސީ އަށް ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) އިން ދީފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ޝަހީދު ވިދާޅުވީ، ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމަށެވެ.
އަދި މިދިޔަ ހަފްތާގެ މުޅި ސްކޯއަށް ބަލާއިރު މިއުޅެނީ 9 ގައި ކަމަށާ ސްކޯ 5 އާއި 10 އާއި ދެމެދު އުޅެންޏާވެސް ވަރަށް ބޮޑެތި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.
ޝަހީދު އިތުރަށް ވިދާޅުވީ، އެޗްޕީއޭއިން މިގެންގުޅޭ ސްކޯރިން ސިސްޓަމުން 10 އަކަށް އަރައިފިއްޔާ އޭގެ މާނަ އަކީ ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށެވެ. ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށާ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ މިހާރުގެ ހާލަތު ވަރަށް ގޯސް ކަމަށާ މިދިޔަ ހަފްތާގެ ސްކޯ މިހުރީ 9 ގައި ކަމަށާ ސްކޯ 10 އަށް އަރައިފިނަމަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހޭނެ ކަމަށެވެ.
އެޗްޕީއޭއިން މިހާރު އަޅަފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އާންމުރައްޔިތުން ކިޔަމަންވުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދު 7،000 މައްޗަށް ގޮސްފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 4،439 އެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 2،580 އެވެ. މީގެތެރެއިން 173 މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.