މަނާ ގަޑީގައި ޒަރޫރީ ބޭނުމަށް ނޫނަސް ބޭރުގައި އުޅޭކަން ފާހަގަވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭ އިން ވިދާޅުވީ ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުގައި އުޅުން މަނާ ވާނެ ކަމަށެވެ. ނަމަވެސް ޒަރޫރީ ނޫން ގޮތެއްގައި ބޭރުގަ އުޅޭކަން ފާހަގަވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ވީހާވެސް ބޮޑަށް އެކަކު އެނެކަކާ ދިމާވާނެ ގޮތަށް ބޭރުގައި އުޅުން މަދުކުރަންޖެހޭ ކަމަށް އެޗްޕީއޭ އިން ވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.
މާލެ ފުރަބަންދު ކުރުމާއިއެކު އާންމުންނަށް އެއްވެސް ވަގުތެއްގައި ބޭރަށް ނުނިކެމެވޭ ގޮތްވެސް ހެދުމަށްފަހު މިހާރު ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް އަދިވެސް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާވާނެ އެވެ. އެގޮތުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރުގައި އުޅުން މަނާކޮށް މިވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.
އެއްގަމު އުޅަނދު ދުއްވޭ ވަގުތަށް އެޗްޕީއޭ އިން ވަނީ ބަދަލު ގެނަސްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.