އަށް ހަފްތާފަހުން ފުރާންސުގެ ލޮކްޑައުންއަށް ލުއިތަކެއް ދީފިއެވެ.
މިގޮތުން ފުރާންސް ސަރުކާރުން މިހާރުވަނީ އެގައުމުގެ ވިޔަފާރިތަކާއި ސުކޫލުތަކާއި އަދި އޮފީސްތައް ހުޅުވުމުގެ ހުއްދަ ދީފައެވެ. މީގެއިތުރުން ގެއިން ބޭރަށް ނިކުތުމަށް ހާއްސަ ހުއްދަ ހޯދަން އޮތްއޮތުންވެސް މިހާރުވަނީ އުވާލައިފައެވެ.
ފުރާންސުން ލޮކްޑައުންއަށް ލުއިތަކެއް ދީފައިވީނަމެވެސް އެގައުމުގެ ވެރިރަށް ޕެރިހުގައި ލޮކްޑައުންގައި އަޅައިފައިވާ ފިޔަވަޅުތަކެއް އެއްވެސް މިންވަރެއްގެ ލުޔެއް ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމާފައެއް ނުވެއެވެ.
ކޮވިޑް-19ގެ ގެއްލުން އެންމެ ބޮޑަށް ފޯރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ފުރާންސުން އެ ބަލިމަޑުކަން ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި ލޮކްޑައުން އިއުލާން ކޮށްފައިވަނީ މާޗުމަހުގެ17 ވަނަ ދުވަހުއެވެ. މި ނިންމުމާއެކު ފުރާންސް ސަރުކާރަށް ގިނަ ބަޔެއްގެ ތައުރީފް ލިބިފައި ވެއެވެ. ނަމަވެސް، ލޮކްޑައުން އަށްފަހު ދިމާވި މައްސަލަތަކާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއްވެސް ސަރުކާރަށް ކުރިމަތިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
މާޗުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑް-19 ޖެހިގެން ފުރާންސުންވަނީ 26،000 ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި ފުރާންސް ހިމެނެނީ މި ބަލިމަޑުކަމުގައި އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ތެރޭގައެވެ.
ކޮވިޑް-19ގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވި ވިލާތުގެ އެހެން ގައުމުތަކުންވެސް މިހާރުވަނީ ލޮކްޑައުންއަށް ލުއިތަކެއް ދޭންފަށާފައެވެ.



