40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

 

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.

މިރޭ 22:30 އިން މެންދަމުގެ 03:30 އަށް މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށްއޮތް ދުވަސްތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އިރުއުތުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނައަދަދަކަށް ބޯވިއްސާރަވިލާ އަރަމުންދާ ކަމަށެވެ. އަދި މީގެއިތުރުން ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަޢަދަދަކަށް ވިއްސާރަވިލާ ދަނީ އުފެދެމުން ކަމަށެވެ. އަދި މިދުވަސްވަރަކީ އާންމުގޮތެއްގައި ރާއްޖެއަށް ހުޅަނގުމޫސުމުގެ ވިއްސާރަކުރަން ފަށާދުވަސްވަރު ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

އެހެންކަމުން، މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި އާންމުވައި ގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން ހާމަ ކުރައްވައެވެ.

ވިމާ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ