މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.
ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާ ގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓްް އޮފީހުން ވަނީ ލަފާކޮށްފައިވެއެވެ. މިސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު 11:30 އިން ހަވީރު 15:30އާއި ހަމައަށެވެ.
ރާއްޖެ އަށް މިދުވަސް ކޮޅު ވިއްސާރަ ވުމުން އެކި އަތޮޅުތަކަށް މޫސުމާއި ބެހޭ އިދާރާއިން ދަނީ ވައިޓް އެލާޓް ނެރެމުންނެވެ.
އެޕްރީލް 23 ވަނަ ދުވަހު މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ 46 ގެޔަކަށް ފެންވަދެ ވަނީ އެކިވަރުގެ ގެއްލުންތައްވެސް ވެފައެވެ.



