ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް - ފޮޓޯ: މަޖލިސް

އައްޑޫ ސިޓީގައި ކޮވިޑް ޓެސްޓް ނުކުރެވެނޭތީ ހުށައެޅި ކުއްލި މައްސަލަ ބަލައިގެންފި

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭތީ، ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އައްޑޫ ސިޓީގައި ކޮވިޑް ޓެސްޓް ކުރެވޭނެ ގޮތެއް ނެތުމާއި، ރައްކާތެރިވުމަށް ބޭނުންވާ ވަޞީލަތް (ޕީޕީއީ) އަދި ފަރުވާދެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމާއި ގުޅީގެން ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް މިކަން ހުށައަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

ޝިޔާމް ހުށައެޅި މި ކުއްލި މައްސަލައަށް ތަޅުމުގައި ބަހުސް ކުރުމަށް ފާސްކުރީ 42 މެންބަރުންގެ ވޯޓުންނެވެ. އަދި މި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެއެވެ.

ޕީޕީއެމްގެ ނައިބުރައީސްކަންވެސް ކުރައްވަމުން އަންނަ ޝިޔާމް ހުށައެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގައި މިހާތަނަށް ޓެސްޓްކުރެވޭނެ އެއްވެސް ވަޞީލަތެއް ޤާއިމްކުރެވިފައި ނެތްކަމަށާއި، 35000 އަށްވުރެ ބޮޑު އާބާދީއެއްގައި ކޮންމެ ސާމްޕްލްއެއް ނަގައިގެން ޓެސްޓް ކުރަން ފްލައިޓެއް ޗާޓަރ ކޮށްގެން މާލެއަށް ގެންނަން ޖެހުމާއި އަދި މިކަމަކީ ބޮޑު ޚަރަދެއް ހޭދަކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އައްޑޫސިޓީ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަޞީލަތްތަތައް އެކަށީގެންވާ މިންވަރަށް ނެތްކަމުގެ ޝަކުވާ އެފަރާތްތަކުން ކުރަމުންދާކަމަށާއި، އަދި ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ރަނގަޅަށް ތަމްރީންވެފައި ނެތްކަމަށްވެސް ކުއްލި މައްސަލަހުށައަޅަމުން ޝިޔާމް ބުނެފައިވެއެވެ.

މި ކުއްލި މައްސަލާގައި އިތުރަށް ބުނެފައިވަނީ އައްޑޫ ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައިނުވާތީއާއި، އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫގެ ރައްޔިތުންވެސް ޚިދްމަތް ހޯދަންޖެހޭ
ހިނދު، އަދި ކޮމިއުނިޓީ ސްޕްރެޑަކަށްގޮސް މީހުން ކަރަންޓީނު ކުރަންޖެހޭ ޙާލަތުގައި ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީނުކޮށް ފަރުވާދިނުމުގެ ރަނގަޅު ޕްލޭނެއް ނެތިއްޖެނަމަ ވަރަށް ނުރައްކާތެރި ޙާލަތަކަށް ހިނގައިދާނެ ކަމަށެވެ.

އެހެން ކަމުން މިއީ އައްޑޫސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫސިޓީގައި ޓެސްޓްކުރެވޭނެ ނިޒާމް ޤާއިމްކޮށް، ޕްރޮޓެކްޓިވް ގިއަރފަދަ ރައްކާތެރި ކަމުގެ ވަޞީލަތްތައް ހަމަކޮށްދިނުމާއެކު، ފަރުވާދިނުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވާ ހިންގުމަށާއި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޯވިޑް-19 އަށް ޓެސްޓްކޮށް ފަރުވާދެވޭނެ ނިޒާމެއް ވީއެންމެ އަވަހަށް ޤާއިމްކުރުމަށް ސަރުކާރަށް ގޮވާލާ، ހުށައެޅި ކުއްލި މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ