މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު - ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ޒަހާ ޒިންމާ ނުނަންގަވާކަމަށް ކޮމެޓީން ފާސްކޮށްފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރީ ކަލްޗަރ ޒަހާ ވަހީދު، ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައިނުވާކަމަށް މަޖިލީހުގެ ޤަވާއިދު ކޮމެޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މި ގޮތަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް އެ ޤާނޫނުގެ 86 ވަނަ މާއްދާއާއި އެއްގޮތަށް ހެދިފައިނުވާތީއެވެ. މަސްވެރިކަމުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ޤަވާއިދުތައް ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސް ދުވަސްތެރޭގައި ހަދައި ގެޒެޓް ކުރަންވާނެކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނަށް އަމަލު ކުރަންފަށާފައިވަނީ 16 ސެޕްޓެންބަރު 2019 ގައެވެ. އެހެން ކަމުން މިއަދާއި ހަމައަށް 8 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ޤަވާއިދުތައް އެކުލަވާލައި އަމަލު ކުރަން ފެށިފައިނުވާކަމަށް ކޮމިޓީގެ ރިޕޯޓްގައި ވަނީ ބުނެފައެވެ. ކޮމެޓީން ވަނީ މި މައްސަލަ ދިރާސާ ކުރުމަށްޓަކައި 3 ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުންތަކުގައި އެކޮމެޓީން ނިންމާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނުގައި ކަނޑައެޅިފގައިވާ މުއްދަތުގެ ތެރޭގައި އަދާނުކުރުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅައި ދިޔަފަހުން މިއަދާއި ހަމައަށްވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމަށެވެ.

އެހެން ކަމުން އެ މިނިސްޓްރީން ޤާނޫނާއި ޚިލާފުވެފައިވާކަމަށާއި، މިނިސްޓަރ ނަންގަވަންޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައިނުވާކަމަށް 08 މެއި 2020 ގައި ބޭއްވުނު ޤަވާއިދު ކޮމެޓީގެ 08 ވަނަ ބައްދަލުވުމަށް ހާޒިރުވެ ވޯޓްގައި ބައިވެރި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ