ރިކަވަރީ ސްކީމްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މިހާތަނަށް 73 ފަރާތަކަށް 100 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ވިޔަފާރިތަކަށް ދޫކުރާ ވޯކިން ކެޕިޓަލް ލޯނުގެ ތެރެއިން 73 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު 92 މީހަކަށް ލޯނު ދިނުމަށް ފިނޭންސް މިނިސްޓްރީން ލިޔުން ދީފައިވެއެވެ. މިއީ މިނިސްޓްރީ އޮފް ފިނޭންސް އިން އެޕްރޫވްކޮށްފައިވާ 93 ފަރާތުގެ ތެރެއިން، ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވާފައިވާ ކަސްޓަމަރުންގެ ތެރެއިން ބޭންކަށް އަނބުރާ ފޮނުވަން ޖެހޭ ލިޔުންތައް ފޮނުވާފައިވާ 73 ކަސްޓަމަރުންނެވެ.
ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުން ކަމަށާއި، ވީހާވެސް އަވަހަކަށް މި ލިޔުންތައް ފޮނުވުމަށް ބީއެމްއެލް އިން ވަނީ އެދިލައްވާފައެވެ.
އާންމު ފަރުދުންނާއި އަމިއްލަ ވިޔަފާރިތަކަށް މި ސްކީމްގެ ތެރެއިން ބީއެމްއެލް އިން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ.
މި ލޯނަކީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު ހަ އިންސައްތައިގެ އިންޓްރެސްޓްގައި ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.
								
											

