ރާއްޖޭގެ ދެކުނުގެ މޫސުން އިތުރަށް ގޯސްވެ ދެކުނަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.
މިއަދު 10:00 އިން މެންދުރު 14:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓް ނެރެފައިވާ ސަރަހައްދަށް އެލާޓްގެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Yellow Alert for Torrential rain and thunderstorms with gusts of 45 mph pic.twitter.com/LvU8cEgnoN
— Maldives Meteorology (@MetMaldives) May 14, 2020
“އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އުތުރުގެ މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިލައްވާފައެވެ.




