ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ފޭސްބުކް ޕޭޖްވެސް ހެކްކޮށްފިއެވެ.
މި ޕޭޖްގެ ހެކްކޮށް "ފީލިންގ ސިކް" ވެސް ޖަހާފައިވެއެވެ. ހަމައެއައެކު "ހޭޝްޓެގް ފްރީ މޯލްޑިވްސް" ފަދަ އިބާރާތްތަކާއެކު ފޭސްބުކްގައި ޕޯސްޓްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއިރު، މިރޭގެ ވަގުތެއްގައި އެ ޓްވިޓަރ އެކައުންޓުން ވަނީ ސަރުކާރާ ދެކޮޅު ޓްވީޓްތަކެއް ކޮށްފައެެވެ. ނަމަވެސް ފަސް ވަރަކަށް މިނެޓްގެ ތެރޭގައި އެ ޓްވީޓްތައް ވަނީ ޑިލީޓްކޮށްފައެވެ.
މިރޭގެ ޓްވީޓްތަކަށް ފަހުގައި، އެ މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓު ހެކްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، ފޭސްބުކް އެކައުންޓާއި ގުޅިގެން ފުލުހުން އަދި މިނިސްޓްރީންވެސް ވަކި އެއްޗެއް އަދި ވިދާޅުވެފައެއް ނުވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ރޭ މެންދަމު ވަނީ ބޭއަދަބީ ޓްވީޓެއްވެސް ކޮށްފައެވެ. ނަމަވެސް ބޭއަދަބީ ޓްވީޓާއި ގުޅިގެން އެ މިނިސްޓްރީން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.



