ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު | ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އަށް 290 މިލިއަން ޑޮލަރު ޔަޤީން ވެއްޖެ: އަމީރު

ކޮވިޑް-19 އާ ގުޅިގެން އެހީ ހޯދަން ކުރަމުންދާ މަސައްކަތުން މިހާތަނަށް، 290 މިލިއަން ޑޮލަރު ޔަޤީން ކުރެވިފައިވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިހާތަނަށް ލިބިފައިވާ ފައިސާގެ ތަފުސީލު ހިއްސާކުރައްވާ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ،  އެކި ދާއިރާތަކުން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ހޯދަން ކުރަމުންދާ މަސައްކަތުން މިހާތަނަށް 290 މިލިއަން ޑޮލަރު ޔަޤީންވެފައިވާ ކަމަށެވެ.

މީގެއިތުރުންވެސް އިތުރު އެހީ ތަކެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި، ފޯކާސްޓުން ދައްކާ ގޮތުން "ސިނޭރިއޯ 3" ގެ ހާލަތު ކުރިމަތިވެއްޖެ ނަމަ 13 ބިލިއަނާއި 15 ބިލިއަނާ ދެމެދުގެ އަދަދެއް ބޭނުންވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަދުވެގެން 200 މިލިއަން ޑޮލަރަށްވުރެ ފަންޑެއް ހޯދަން ޖެހޭކަމަށާއި، ބަޖެޓުގެ ޚަރަދު ކުޑަ ކުރުމަށް ގިނަކަންތައްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 72 ޕަސެންޓް ނުވަތަ 586 މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ލަފާކޮށްފައިއޮތީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށާއި، އެ ބަޖެޓް އެންމެ ކުޑަކުރެވޭނީވެސް 30 ބިލިއަން ރުފިޔާ އަށްކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ލިބޭ ގެއްލުމަށް އެހީތެރިވުމުގެ ގޮތުން ބޭރުގެ ފަރާތްތަކުން ދެމުންދާ އެހީތަކުގެ ތެރެއިން އައިއެމްއެފުން ރާއްޖެއަަށް ދޭން ނިންމި 28.9 މިލިއަން އެމެރިކާ ޑޮލަރާއި، އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 ޔޫއެސް ޑޮލަރު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ތެރޭގައި ހިމެނޭ 150 މިލިއަން ޔޫއެސް ޑޮލަރު ވެސް މިހާރުވަނީ އެމްއެމްއޭ އަށް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ