ލަންކާގެ ހޯމް މިނިސްޓަރު ވަޖީރާ އަބޭވަރުދަނާ އާއި ބައްދަލުވުމުން ލަންކާ ވިސާ މައްސަލައިގައި އުންމީދުއާވެއްޖެކަމަށް ފޮރިން މިނިސްޓަރު އަބްުދުﷲ ޝާހިދު ވިދާޅިވެއްޖެއެވެ.
އަބޭވަރުދަނާ އާއި ބައްދަލުކުރައްވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "ވިސާއާއި ގުޅޭގޮތުން ދާދި ފަހުން [ލަންކާ ސަރުކާރުން] ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު. ބެހެއްޓެވި އިހުތިރާމްދާރީއާ ދެއްވި ޔަގީންކަމުގެ ސަބަބުން އުންމީދު އާވެއްޖެ،" ކަމަށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް ބައްދަލު ކުރައްވާފައިވެއެވެ.
ވިސާ މައްސަލަ އާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި އެހެން މުހިއްމު ކަންކަމާ ގުޅޭ ގޮތުން ވެސް ޝާހިދު އެގައުމުގެ ބޮޑު ވަޒީރާ މަޝްވަރާ ކުރެއްވިއެވެ.
ޝާހިދު ކުރިން ވިދާޅުވީ މި ދަތުރުފުޅުގައި ދިވެހިންގެ ތެރެއިން ރެޒިޑެންސް ވިސާ ބޭނުންވާ ފަރާތްތަކަށް މިހާރު ދަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ލަންކާއަށް މިދިޔަ މަހު 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު ސަލާމަތީ ކަންކަން ވަރުދަގަ ކުރުމުގެ ގޮތުން އެގައުމުގެ ވިސާގެ ކަންކަން ވަނީ ހަރުކަށިކޮށްފައެވެ.
އެގޮތުން ދިވެހިންވެސް ރެސިޑެންސް ވިސާ ބޭނުންނަމަ އެގައުމަށް އެތެރެވެވޭނީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީއަށް ހުށަހަޅައި ވިސާ ހަމަޖެހުމުންނެވެ. ކުރިން އޮންނަ ގޮތުން އޮން އެރައިވަލް ވިސާގައި ލަންކާއަށް އެތެރެވެ އެގައިމުގައި ތިބެގެން ވިސާ ހަމަޖެއްސެއެވެ.
ލަންކާގައި އެކި ބޭނުންތަކުގައި ވަޒަން ވެރިވެގެން ރެސިޑެންސް ވިސާގައި 15000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭކަމަށް ލަފާކުރެވެއެވެ.