ބަންގްލަދޭޝްއިން 10 ޓަނުގެ ކާބޯތަކެތީގެ އެހީ ރާއްޖެއަށް ފޮނުވައިފި

ދިހަ ޓަނުގެ ކާބޯތަކެތީގެ އެހީއާއެކު ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މި މަތިންދާބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް މުގު، އަލުވި، ކުކިންގ އޮއިލް، ބަރަބޯ، ތޮރާ، ކަރާ އަދި އަލަނާސި އެވެ. މީގެ އިތުރުން މި ފްލައިޓްގައި ބޭހާއި ބައެއް ސިއްޙީ ސާމާނުވެސް ރާއްޖެއަށް ގެނެސްފައިވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝްއިން ފޮނުވި މިއެހީއަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެެއް ކަމަށެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނާއި އަދި ޚާރިޖީ ވަޒީރާ އެއަރފޯސް އަށް ޝުކުރު އަދާކުރައްވާފައެވެ.

މި މަތިންދާބޯޓު އަނބުރާ ބަންގްލަދޭޝްއަށް ފުރާނީ މާދަމާ ހެނދުނެވެ. އަދި އަނބުރާ ބަންގްލަދޭޝްއަށް ދާއިރު، ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހުން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ 70 މީހަކު މި މަތިންދާބޯޓުގައި ބަންގްލަދޭޝްއަށް ގެންދާނެއެވެ. އެމަސައްކަތް ކުރިއަށްދާނީ ފޮރިން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަން ގުޅިގެންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ