ބޭއޮފް ބެންގޯލުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މިކަން ހާމަކޮށް ބުނެފައިވަނީ، ރާއްޖެއާއި ދުރުން އިރުދެކުނު ބޭއޮފް ބެންގޯލުގައިވާ ކޮޅިގަނޑު މިހާރުވަނީ ތޫފާނަކަށް ބަދަލުވެފައި ކަމަށެވެ.
އަމްޕަން ނަމަކަށްކިޔާ މި ތޫފާނުގެ ބާރު އިތުރަށް ގަދަވަމުންދިޔަނަމަވެސް މި ތޫފާން މިހާރު ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މައުލޫމާތު ދެއެވެ.
މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. މިގޮތުން ދެކުނުގެ ބަޔެއް ރައްތަކުގައިވަނީ ފެންވެސް ބޮޑުވެފައެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވިދާޅުވީ، ރާއްޖެއަށް ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންދަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކަމަށާއި، ހުޅަނގު މޫސުން ކުރިއަށްދާ ވަރަކަށް ރާއްޖެއަށް މޫސުމީ ވިއްސާރަ ކުރަމުންދާނެ ކަމަށެވެ.
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ވައިގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.




