މުޅިދުނިޔެ ސިއްސުވާލި ނުރައްކާތެރި ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު އަވަށްޓެރި އިންޑިޔާގައި 90 ހާހުން މައްޗަށް އަރައިފިއެވެ.
ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 އަށް އިންޑިޔާގައި މިހާތަނަށް 90,927 މީހުން ޕޮޒިޓިވުވެފައި ވެއެވެ. އަދި އެގައުމުގައި މިބަލީގައި 2,872 މީހަކު ނިޔާވެފައި ވާއިރު، މިބަލީގައި 34,224 މީހަކުވަނީ ފަރުވާދެވި ރަނގަޅުވެފައެވެ.
މުޅި ދުނިޔެއިން 4.7 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 1,817,906 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2,602,059 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 2,557,220 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 44,839 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މިމައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން 85 އިންސައްތަ މީހުންވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ ނިސްބަތަކީ 15 އިންސައްތައެވެ.
މިހާތަނަށް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައި ވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާއިން މިބައްޔަށް 1,507,773 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލީގައި 90,113 މީހުންވަނީ މަރުވެފައެވެ.



