އިންޓަރނެޓްގައި ދައުރުވަމުންދާ ވީޑިއޯއެއްގެ މައްސަލައިގައި ޕާކިސްތާނުގައި ޒުވާން ދެ އަންހެންކުދިން މަރާލައިފިއެވެ.
ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި މި ދެ އަންހެން ކުދިން މަރާލައިފައިވަނީ އެ ކުދިންގެ އާއިލާ މެންބަރުންގެ ތެރެއިން ބައެކެވެ. އަދި މިކުދިން މަރާލައިފައިވާ ކަމަށް ބެލެވެނީ މިހަފްތާގެ ކުރީކޮޅުއެވެ. މިކުދިންގެ އުމުރަކީ 16 އަހަރާއި 18 އަހަރެވެ.
ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ މިހާދިސާ ހިނގައިފައިވަނީ އުތުރު ވަޒިރިސްތާނާއި އަދި ދެކުނު ވަޒިރިސްތާނާއި ގުޅޭ ބޯޑަރު ސަރަހައްދުގެ ރަށެއްގައެވެ.
މައުލޫމާތު ލިބޭގޮތުގައި އަންހެން ދެކުދިން މަރާލަން ޖެހުނު ވީޑިއޯއަކީ މީގެ އަހަރެއްކުރިން ނަގައިފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ފެންނަނީ ތިން އަންހެން ކުދިން ފިރެހެން ކުއްޖަކާއެކީ އުޅޭ ތަނެވެ. މި ވީޑިއޯއަކީ އަހަރެއް ކުރިން ނަގައިފައިވާ ވީޑިއޯއެއް ނަމަވެސް ވީޑިއޯ ވައިރަލް ވެގެން ގޮސްފައިވަނީ މިމަހުގެ ކުރީކޮޅެވެ.
ޕާކިސްތާން ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުހުން ބުނެފައިވަނީ މިވަގުތު އެންމެ ބޮޑު އިސްކަމެއްދެނީ ވީޑިއޯގައި ފެންނަ ތިންވަނަ ކުއްޖާގެ ސަލާމަތްތެރި ކަމަށް ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާ ޕާކިސްތާނުގައި ވަރަށް ބޮޑުތަން އިތުރު ކަމަށާއި މިފަދަ 1،000 މަރު އަހަރެއްގެ ތެރޭ ޕާކިސްތާނުން ރިކޯޑް ކުރެވޭ ކަމަށެވެ. މިފަދަ ގޮތަކަށް އާއިލާތަކުން އަންހެން ކުދިން މަރަމުން ގެންދަނީ އެއާއިލާތަކުގެ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައެވެ.




