އުތުރަށް ވައިޓް އެލާޓް ނެރެފި

ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރައްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިރޭ 17:00 އިން 23:00 އަށް ހައ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި މި ސަރަހައްދުގައި އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް މިއަދު ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫ ސިޓީގެ އިތުރުން ބައެއް އެހެން ރަށްރަށަށްވެސް ވަނީ ފެން ބޮޑުވެ ގެއްލުންތަކެއް ލިބިފައެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށެވެ. ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ