ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިޔާއިން މަރުވި މީހުންގެ އަދަދު ތިންހާހަށް މައްޗަށް އަރައިފިއެވެ.
ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ޖެހިގެން އިންޑިޔާގައި މިހާތަނަށް 3,029 މީހުން މަރުވެފައިވެއެވެ.
އިންޑިއާ އަކީ ދެކުނު އޭޝިއާ ސަރަޙައްދުންވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދުވަނީ 96,169 މީހުންނަށް އަރާފައެވެ. އޭގެތެރެއިން ރަނގަޅުވީ، 36,824 މީހުންނަށް ކަމަށް ކަމާބެހޭ އިދާރާތަކުން ރިޕޯޓްކޮއްފައި ވެއެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އިންޑިޔާއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވާއިރު، އެޤައުމުގައި މި ބަލީގެ ނުރައްކާ ބޮޑުވާން ފަށާފައި ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. އެއާއެކު އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭއިން މިދިޔަ މާރޗް މަހުގެ ފަހުކޮޅުން ފެށިގެން އިންޑިއާ ވަނީ ފުރަބަންދުކޮށްފައެވެ.
މުޅި ދުނިޔެއިން 4.8 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 1,860,216 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2,628,585 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 2,583,764 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 44,821 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މިމައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން 85 އިންސައްތަ މީހުންވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ ނިސްބަތަކީ 15 އިންސައްތައެވެ.



