ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގެ ހާލަތު ދެނެގަތުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ރަށަރަށުގެ ކައުންސިލްތައް މެދުވެރިވެ ހޯދާފައިވާ މަޢުލޫމާތުގައި އެކަށީގެންވާ މިންވަރަށް ޕީޕީއީ ނެތް 23 ރަށެއް ހުރިކަން ފާހަގަ ކޮށްފިއެވެ.
އެޗްއާރުސީއެމް އިން މިއަދު އާންމުކޮށްފައިވާ މި މަޢުލޫމާތަކީ ކޮވިޑް-19 އާއި ގުޅިގެން އިންސާނީ ޙައްޤުތަތަކުގެ ހާލަތު ދެނެގަތުމަށްޓަކައި އެފަރާތުން 01 މެއި 2020 އިން 07 މެއި 2020 އާއި ދެމެދު ކައުންސިލްތަކުން ހޯދާފައިވާ މަޢުލޫމާތެވެ. މި މަޢުލޫމާތު ހޯދާފައިވަނީ ޖުމްލަ 27 ކައުންސިލަކުން ކަމުގައި އެޗްއާރުސީއެމް އިން ވަނީ ވިދާޅުވެފައެވެ.
އެޗްއާރުސީއެމް އިން އާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާލާއިރު އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބޭކަމަށް 3 ރަށަކުން ފާހަގަ ކޮށްފައިވާއިރު، 6 ރަށަކުން ވަނީ ކާބޯތަކެތީގެ އަގު އުފުލިފައިވާކަން ފާހަގަކޮށްފައެވެ. އަދި އޭގެ ތެރެއިން 2 ރަށަކުން ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ އަގު އުފުލިފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުކޮށެވެ. މީގެ އިތުރުން ރައްޔިތުންނަށް ވާވަރަށް ރަށުގައި އެއްމަސްދުވަހުގެ ކާބޯތަކެތި ރައްކާކުރެވިފައި ނެތްކަމަށް 9 ރަށަކުން ވަނީ ފާޙަގަ ކޮށްފައެވެ.
7 ރަށެއްގައި މިވަގުތު މީހުން ކަރަންޓީނުކުރެވިފައި ވާއިރު، 9 ރަށެއްގައި މީހުން ހޯމް އައިސޮލޭޝަންގައި ބަހައްޓާފައިވާކަން ފާހަގަ ކޮށްފައިވާއިރު، 6 ރަށެއް ފިޔަވާ ހުރިހާ ރަށެއްގައިވެސް ކަރަންޓީނު ކުރެވޭނެ އިންތިޒާމް ގާއިމް ކުރެވިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ކާބޯތަކެތި ލިބުން ދަތި އާއިލާއެއް ހުރިކަން 1 ރަށަކުން ފާހަގަކޮށްފައިވާއިރު، ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެތި ލިބުން ދަތިކަމަށް 3 ރަށަކުން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން 4 ރަށެއްގައި ފެން ރައްކާކުރެވިފައި ނުވާކަމަށާއި، 3 ރަށެއްގައި ކައްކާ ގޭސް ރަށުން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނެތްކަން ވަނީ ފާހަގަ ކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައެވެ. އެހެން ކަމުން މިހާލަތުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގެނައުމަށްޓަކައި ރަށްރަށަށް މުދާ އުފުލުމަށް ފެރީތައް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



