އިންޑިއާގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އިތުރު ދެހަފްތާއަށް ދިގުދައްމާލައިފި

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އިތުރު ދެހަފްތާގެ މުއްދަތަށް ދިގުދައްމާލައިފިއެވެ.

އިންޑިއާ ސަރުކާރުގެ ޑިޒާސްޓާ ރެސްޕޯންސް އޮތޯރިޓީން ބުނެފައިވަނީ ލޮކްޑައުންގެ މުއްދަތު އިތުރުކުރާ އާ ގައިޑްލައިން އެކަށައަޅާނީ އިގުތިސާދީ ހަރަކާތްތަކަށް ފުރުސަތު ދެވޭނެ ގޮތަކަށް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ އެންމެ ފުރަތަމަ ލޮކްޑައުން ކޮށްފައިވަނީ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހަށްފަހު އާންމު ދަތުރުފަތުރު ކުރުމާއި، ގިނަ ވިޔަފާރިތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިއީ މާރިޗު މަހުގެ 24 ވަނަ ދުވަހަށްފަހު ލޮކްޑައުންގެ މުއްދަތު އިންޑިއާ ސަރުކާރުން އާކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ ދުނިޔޭގައި މިހާ އާބާދީ ބޮޑު ގައުމެއް އެކީއެކަށް ލޮކްޑައުންކުރި ފުރަތަމަ ފަހަރެވެ. މިގޮތުން އިންޑިއާގެ އާބާދީގައި 1.3 ބިލިއަން މީހުން ދިރިއުޅެއެވެ.

އެންމެ ފުރަތަމަ އިންޑިއާގައި އާންމުކުރި ލޮކްޑައުންގެ ގަވާއިދުތަކާއި ހިލާފަށް މިހާރުގެ ލޮކްޑައުން ގަވާއިދުގައިވަނީ ލުއިތަކެއް ދީފައެވެ. މި ލުއިތަކުގެ ތެރޭގައި އަމިއްލަ ފަރާތްތަކުގެ ކާރާއި އަދި ބަސްފަދަ ދުއްވުމުގެ ހުއްދަވަނީ ދީފައެވެ. ބޭސްފިހާރަތަކާއި ކާބޯތަކެތި ވިއްކާ ތަންތަންވެސް ހުޅުވުމުގެ ހުއްދަވަނީ ދީފައެވެ. އަދި ދަނޑުވެރިކަމާއި އަމިއްލަ މަސައްކަތްތައްކުރާ ފަރާތްތަކަށް އެބައިމީހުންގެ މަސައްކަތްތަކަށް އެނބުރި ދިއުމުގެ ހުއްދަވެސްވަނީ ދީފައެވެ. ނަމަވެސް، މި ލުއިތައް ދީފައިވަނީ ބަލި ނުފެތުރޭ ސަރަހައްދު ތަކުގައެވެ.

އިންޑިއާ ސަރުކާރުން އެގައުމުވަނީ އެކި ޒޯންތަކަށް ބަހާލައިފައެވެ. މި ޒޯންތަކުގެ ތެރޭގައި ހިމެނެނީ، ރެޑް ޒޯން، އޮރެންޖް ޒޯން، އަދި ގުރީން ޒޯން އެވެ. ލޮކްޑައުންއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެކިޒޯންތަކުގައި ތަފާތެވެ.

އިންޑިއާއިން ކޮވިޑް-19 އަށްވަނީ 90،000 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި އިންޑިއާއިންވަނީ 2،896 މީހުން މަރުވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ