އެލާރޓް ނެރެފައިވާ ސަރަޙައްދު އިތުރުކޮށް ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ނެރެފައިވީ ރީނދޫ އެލާރޓްގެ ވަގުތު އިތުރުކޮށްފިއެވެ.
މެޓް އޮފީހުން ކުރިން ޔެލޯ އެލާރޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ މިއަދު 13:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށެވެ.
މެޓްއޮފީހުން ނެރެފައިވާ މިޔެލޯ އެލާޓްގެ ވަގުތު މިއަދު ހަވީރު 05:00 އިން މިރޭގެ 10:00 އަށް އިތުރުކޮށްފައިވާއިރު، އެލާރޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ، އެލާރޓްގެ ވަގުތުތަކުގައި މިސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި މިސަރަޙައްދުތަކަށް އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުން ވިދާޅުވިއެވެ.
Alert Yellow for torrential rain, thunderstorms, average strong winds of 28 – 35 mph gusting to
55 - 60 mph with rough seas. pic.twitter.com/2vGbklH7ra— Maldives Meteorology (@MetMaldives) May 18, 2020
ކުރިއަށްއޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ދެކުނާއި މެދު ތެރޭގެ ބައެއް ރަށްތަކަށް ގުގުރާ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވޭ." މެޓްއޮފީހުން ވިދާޅުވިއެވެ.
މީގެއިތުރުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާކަމަށާއި، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.




