ކޮވިޑް-19 ގެ ސަބަބުން މާލީ ދަތިކަން ލިބިފައިވާ ފަރާތްތަކަށް ފިޠުރު ޒަކާތް ޙައްޤުވާނެކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝާހީމް ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލި، ފަޤީރުވެ، މާލީ ގޮތުން ދަތިކަން މެދުވެރިވެފައިވާ ކޮންމެ މުސްލިމަކަށް ފިޠުރު ޒަކާތް ދިނުން ޖާޢިޒްވާނެކަމަށެވެ. "އެއީ ވަގުތީ ދަތިކަމެއްކަމުގައި ވިޔަސް، އެފަދަ ފަރާތްތައް ޒަކާތް ޙައްޤުވާ މީހުންގެ ތެރެއިން ވާނެ" އޯއައިސީގެ ސެކްރެޓަރީ ޖެނަރަލްގެ އެޑްވައިޒާރ މަޤާމް އަދާކުރައްވަމުން އަންނަ ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ ހާލަތާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ، ފަޤީރު ހާލަތު ތަހައްމަލް ކުރަމުންދާ މުސްލިމް ބިދޭސީންނަށްވެސް ފިޠުރު ޒަކާތް ދެވިދާނެކަމަށެވެ.
މީގެ އިތުރުން މީހަކު އަމިއްލައަށްވެސް އެފަދަ ފަރާތަކަށް ފިތުރު ޒަކާތް ދީފިނަމަ އެދިނުން ޞައްޙަ ވާނެކަމުގައި ޝަހީމް ވިދާޅުވެފައިވެއެވެ. އަދި އެމީހަކު ފިޠުރު ޒަކާތް ދެއްކި ކަމުގައި ޝަރުޢީ ގޮތުން ބެލެވޭނެކަމުގައިވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝާހީމް ވިދާޅުވެފައިވާއިރު، މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީގެ މި ނިންމުން ކަމުނުދާކަމަށް ވިދާޅުވެ ޑރ. ޝަހީމް ވިދާޅުވެފައިވަނީ މި ދިޔަ އަހަރާއި މިއަހަރުގެ ހާލަތު ތަފާތު ކަމަށާއި، މި އަހަރު އެތައް ބައެއްގެ ވަޒީފާ ގެއްލި، މީހުން ހާލުގައި ޖެހިފައިވާކަމަށެވެ. އަދި މިދިޔަ އަހަރުގެ ލިސްޓަށް އަމަލުކުރުމަކީ ޝަރުއީ ނަޒަރުން ބަލާއިރުވެސް ހަމަޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވެފައިވަނީ ދީނީ ކަންކަން ކުރަން ޖެހޭނީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށެވެ.