ހިންމަފުށި

ހިންމަފުށިން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ޑީޓީއާރްސީ) އިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު ހެދުނު ކޮންޓެކްޓް ޓްރޭސިންއާ ގުޅިގެން ނެގުނު ހުރިހާ ސާމްޕަލެއް ނެގެޓިވްކަން ސަރުކާރުން ހާމަކޮށްފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ހިންމަފުށިން ހެދުނު ކޮންޓެކްޓް ޓްރޭސިން އިން 146 ސާމްޕަލް ނަގާފައިވާއިރު، އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ޑީޓީއާރްސީން ނެގުނު 36 ސާމްޕަލްއަކާއި، ހިންމަފުށީ އައްސޭރި ޖަލުން ނެގުނު 37 ސާމްޕަލްއަކާއި، އެރަށު އިންޑަސްޓްރިއަލް ސަރަޙައްދުން ނެގުނު 45 ސާމްޕަލެއްގެ އިތުރުން، ހިންމަފުށީ ރަށުގެ އާބާދީ ތެރެއިން ރެންޑަމް ސާމްޕްލިންގެ ތެރެއިން ނެގުނު 28 ސާމްޕަލެއް ކަމަށެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެކަން ހިނގި ކަމަށް ބެލެނީ އެތަނަށް އެންމެ ފަހުން ފަރުވާ ހޯދުމަށް ވަތް މީހެއްގެ ފަރާތުންކަމަށް ކޮވިޑް-19 ޓާސްކްފޯހުން ހާމަކޮށްފައި ވެއެވެ.

އެއާއެކު މިހާރުގެ ސިޔާސަތަކީ މީހުން ބަންދު ކޮށްގެން ގެންގުޅޭ ތަންތަނުން ސާމްޕަލްތައް ނަގައިގެން ޓެސްޓް ކުރުން ކަމަށާއި، ވަކިން ޚާއްސަކޮށް މިގޮތަށް ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުން ތިބޭ ތަންތަނުން ސާމްޕަލްތައް ނެގެމުންދާނެކަން ޓާސްކްފޯހުން ހާމަ ކޮށްފައި ވެއެވެ.

މުޅި ރާއްޖެއިން މިހާތަނަށް 1،143 މީހުންވަނީ ކޮވިޑް-19 ޖެހިފައެވެ. މީގެތެރެއިން އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު 1،057 ކޭސަސް ހުރިއިރު މިބަލީގައި ހަތަރު މީހަކުވަނީ ނިޔާވެފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެ މިހާރު ލޮކްޑައުން ކޮށްފައިވާއިރު މިބަލި ރާއްޖޭގައި ފެތުރޭ މައިތަނަކަށް ވެފައިމިވަނީ ވެރިކަންކުރާ ރަށް މާލެއެވެ. މިގޮތުން މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފާއިތުވީ ކޮންމެ ދުވަހަކު މާލެއިން އަންނަނީ ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ