ކޭލަކުނު ވިއްސާރަ (4)

(ތިންވަނަ އަދަދާއި ގުޅޭ)

ނިދަން އޮވެގެން ފާތުމަގެ ލޮލަށް އެރޭ ނިންޖެއް ނައެވެ. ކާސިންކަލޯގެ ހިޔާލުތަކުން ނިދި ވަނީ އުދުހިގެން ގޮއްސަ އެވެ. ހިތް އޮތީ އަވަސްވެފަ އެވެ. ކާސިންކަލޯ އެވަރަކުން ބައްދަލު ކޮށްގެން ދައްކަން އުޅެނީ ކޮން ވާހަކައެއް ބާވައޭ ހިތަށް އަރަމުން ދިޔަ އެވެ. ބައެއްފަހަރު އުފަލުން ހިތް ފޮޅެ އެވެ. އަނެއްބައި ފަހަރު ނުތަނަވަސް ވެގެން މެއަށް ބާރުވެ އެވެ. އެހާލެއްގައި ތެޅިތެޅި އޮތްވާ ފުރަތަމަ ހާ ގޮވައިލި އެވެ.

ފާތުމަ މަދިރިގެ ހިއްލާލައިފައި ސިއްރުން ބަލައިލި އެވެ. އަމާ އޮތީ ގަދަ ނިދީގަ އެވެ.

އަށިން ފައިބައިގެން ގޮސް އެތެރެ ގޭތެރެއާއި ފެންޑާއާ ދެމެދަށް ހުރަސްވެފައިވާ ފޮތިގަނޑު ހިއްލައިލި އެވެ. ފެންޑާގައި ދެ ފަތްޖެހި އެނދުގައި މޫސާދީއާ ދިގު އަހަންމަދު ގުގުރި ދަމަން އޮތެވެ. ދުރުގައި ހުރި ބޮޑު އަށީގައި ބަފަ އެވެ. ފާތުމަ ވިސްނަން ހުރެފައި މަޑުމަޑުން ހިނގައިގެންފި އެވެ. ވައްކަން ކުރަން އުޅޭ ވަގެއްހެން އިނގިލިތަކުގެ ކުރި ޖައްސައިގެން ގޮސް ދޮރާއި ހަމަވިތަނާ ދެވަނަ ހާ ގޮވައިލި އެވެ. އެއަޑަށް މޫސާދީ ތެދުވެ އިށީންދެއްޖެ އެވެ.

ފަތްޖެހިއެނދުން ކީ އަޑާއެކު ފާތުމަގެ ލޯ ބޮޑުވި އެވެ. ދޮރަށްވުރެ ދެ އިންޗިއެއްހާތަން ދުރުގައި ފަން ބިތް ކައިރީ ގަބުވެފައި ހުރެއްޖެ އެވެ.

ފާތުމައަށް ފެނުނީ މޫސާދީ ތެދުވެ އާފުރެމުން އޭނައާ ދިމާއަށް އަންނަތަނެވެ. އެވަގުތު ފާތުމަ ލައިލައި ހުރި ނޭވާ ވެސް ކަރުތެރޭ ތާށިވި ވި އެވެ.

މޫސާދީ އައިސް ދޮރާއި ހަމައަށް ހުއްޓުނުއިރު ވެސް ހުޅުވިފައި ހުރީ އެއް ލޮލެވެ. ދެން ފެނުނީ ދޮރު ހުޅުވައިލި ތަނެވެ. ފާތުމަ ނޭވާ ނުލައި ހުރެގެން ދެލޯ ވެސް މަރައި ތަގުޅި ކޮށްލި އެވެ. އެވަގުތު ކަންފަތުގައި ބާރު އަޑެއް ޖެހުނެވެ. ފާތުމަ ސިހިފައި ލޯ ހުޅުވާލި ވަގުތު ނޭފަތުގައި ޖެހުނު ނުބައި ވަހަކުން އަނބުރައި ނުގަތީ ކިރިޔާ އެވެ. ފާތުމަ އަވަހަށް ނޭފަތުގައި އަތް އެޅި އެވެ. މޫސާދީ ބޭރުކޮށްލި ވައިގެ ވަސް ފެތުރެމުން ދިޔަ މާހައުލަށް ނޭވާ ނުލާންވެގެން އަނގަ ވެސް ލެއްޕި އެވެ.

ފާތުމަ ދެން މަޑުކުރީ މޫސާދީގެ ފިޔަވަޅުގެ އަޑު ކެނޑެން ދެނެވެ. ފިޔަވަޅުތައް ދުރުވަމުން ގޮސް ގިފިލީ ދޮރު ހުޅުވި އަޑު އިވުނެވެ. ފާތުމަ ބޯދިއްކޮށްލި އެވެ. މޫސާދީ އެތެރެއަށް ވަދެ ދޮރު ޖެހުމުން އޭނަ ނިކުތެވެ. އެވަގުތު އަނެއްކާ ހާ ގޮވައިލި އެވެ. އަޑު އަންނަ ދިމާ މިފަހަރު ފާތުމައަށް ފާހަގަވި އެވެ. އެއީ އެގޭގައި ހުރި ބަނބުކެޔޮ ގަހުގެ ފުރަގަހުންނެވެ. އެއާއެކު އެއީ ކާސިންކަލޯގެ އަޑުކަން ވެސް އެނގިއްޖެ އެވެ. ދެން އަލުން ނުގޮވަނީސް ފާތުމަ އެދިމާއަށް މިސްރާބު ޖެހި އެވެ. ކާސިންކަލޯއަށް ފާތުމަ އަންނަތަން ފެނުމުން ގަހުގެ ފުރަގަހުން ނިކުމެއްޖެ އެވެ.

"ސާބަސް ކާސިންކަލޯއަށް. މިގޭގައި އުޅޭ މޫސާދީ ވެސް ހޭލައިފި." ފާތުމަ ވައިއަޑުން ވާހަކަދެއްކި އެވެ.

ކާސިންކަލޯ އޭރު ހުރީ ހިނިއައިސްފަ އެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ކާސިންކަލޯ ހިފީ ފާތުމަގެ އަތުގަ އެވެ. ފާތުމަ ރަކިވެގެން އިސްޖަހައިލި އެވެ. މޫސާދީ ނިކުތުމުގެ ކުރީން ދެޒުވާނުން ގޯތިތެރެއިން ނިކުމެގެން ނައްޓާލި އެވެ. ފާތުމަ ހުރީ ކާސިންކަލޯ ގެންދާ ތާކަށް ދާން ދޫކޮށްލައިގެންނެވެ. ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވި އެވެ. އެކަމަކު ކައިރީގައި ކާސިންކަލޯ ހުރުމުން އެލިބެމުންދިޔަ ހިތްހަމަޖެހުން މާބޮޑެވެ.

ދެލޯބިވެރިން ހިނގަމުން ހިނގަމުން ގޮސް ނިކުތީ އަތިރިއަށެވެ. ކާސިންކަލޯ ފާތުމަގެ އަތުން ދޫކޮށްނުލާ ގެންގޮސް ފަސްގަނޑުމަތީ އޮތް ގަސްބުޑެއްގެ މަތީ ބެއިންދި އެވެ. އެއަތުން ދޫކޮށްލައިފައި ކާސިންކަލޯ އިށީންދެލީ ފާތުމަގެ ގައިގައި ޖެހިފިތިގެންނެވެ. ފަތިހުގެ ފިނިން އުދަނގޫވެފައި އިން ފާތުމަގެ ހަށިގަނޑަށް ހޫނު އެރީ އެބީހުމުންނެވެ. ފާތުމަ އިސްޖަހައިލި އެވެ.

"އަހަރެން ވަރަށް ދުވަސްވެއްޖެ ފާތުމަ ކައިރީ ވާހަކައެއް ބުނަން އުޅޭތާ. އެކަމަކު ހަމަ ނުބުނެވިގެން މިހާ ދުވަސް މިވީ." ކާސިންކަލޯ ފެށި އެވެ.

އުނގުމަތީ އޮތް ފާތުމަގެ އަތުގައި ހިފާ ނަގައި މުށުތެރޭ ބޮނޑިކޮށްލި އެވެ. ފާތުމަ އަދިވެސް އިނީ އިސްޖަހައިގެންނެވެ ކާސިންކަލޯގެ އެޖުމްލައިން އޭނަގެ ހިތް ތެޅެން ފެށި އެވެ. އެއީ ކޮން ވާހަކައެއްތޯ އަހާހިތްވި އެވެ.

"އަހަރެން ބުނަން މިއުޅެނީ އަހަރެން ފާތުމައާ ގަޔާވާ ވާހަކަ. އިނގޭ މިހެން ބުނާއިރުވެސް މީ މިވާހަކަ މިގޮތަށް ބުނާނެ ފަހު މީހާ ނޫންކަން. އެނގޭ ފާތުމަގެ ތި ރީތިކަމުގެ ޖާދޫގައި ޖެހިގެން އުޅޭ އެތައް ބަޔަކު މިފަސްގަނޑުގައި ނޫނަސް ދިރިއުޅޭނެކަން. އެކަމަކު އަހަރެން އަޅައިލަން ބޭނުންވާ ވަރަށް ފާތުމައަށް އަޅައިލާނެ އެކަކުވެސް ނުވާނެ." ކާސިންކަލޯ ވާހަކަދައްކަމުން އަނެއް އަތުން ފާތުމަގެ ދަތްދޮޅީގައި ހިފާ އުފުލި އެވެ.

"އަހަރެންގެ އަންބަކަށް ފާތުމަ ވެއްޖެއްޔާ އުރާލައިގެން ގެންގުޅޭނަން. ދުވަހަކުވެސް ފާތުމަގެ ތި ދެލޮލުން ކަރުނަ އަޔަކަ ނުދޭނަން. މިއުޑާއި ބިމާއި އުޑުގައި ރަނިކަން ކުރަމުންދާ ހަނދު ހެކިކޮށް މިބުނަނީ އަހަރެން ފާތުމަ ނޫން އެހެން އަންހެނަކަށް ބަލައިވެސް ނުލާނަން." ފާތުމަގެ ލޮލާއި ލޯ ގުޅުވައިގެން އިނދެ ކާސިންކަލޯގެ ވާހަކަ ފުރިހަމަ ކުރި އެވެ.

އޭރު ފާތުމަގެ ލޮލުގައި ހުރި އުފާވެރި ކަމުގެ މުތީތައް ނީރާލައިގެން ފައިބަމުން ދިޔަ އެވެ. އޭނަ ކާސިންކަލޯގެ ފަހަތުން އަވަލައިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. އަންހެންކުއްޖަކަށް ވެފައި، ކާސިންކަލޯ ނޫނެކޭ ބުނެފާނެތީ އިންނަން އަހަން ނުކެރިފަ އެވެ. މިއަދު އެންމެފަހުން ފާތުމަގެ ހުރިހާ ހުވަފެން ހަޤީޤަތަކަށް ވީ އެވެ.

"ތިކަރުނަތަކުގެ މާނަ އަހަރެން ކުރަންވީ ކިހިނެތް؟ ފާތުމަވެސް އަހަރެންނާއި އިންނަން ބޭނުމޭތަ؟" ކާސިންކަލޯ އެންމެ މުހިންމު ސުވާލު ކުރި އެވެ.

އެވަގުތު ފާތުމަގެ ޖަވާބު އައީ ބޯޖަހައިލުމަކުންނެވެ. ކާސިންކަލޯ ވީ އުފަލުން ފާތުމަގެ ދެއަތް އުފުލާލައި ބޮސްދީފި އެވެ. ކާސިންކަލޯގެ މިހަރަކާތާއެކު ފާތުމަ ހީވީ ލަދުން ވިރުނު ހެންނެވެ. އިސްއޮބައިލި ގޮތަށް ދަތްދޮޅި ގޮސް މޭގައި ޖެހިފައި ހުރެއްޖެ އެވެ.

ކާސިންކަލޯ ފާތުމަ ގެއަށް ލާންވެގެން އައި ގަޑީގައި މޫސާ ދީ މިސްކިތުގައި ނިދިފައި އިންދާ ފެނުނެވެ. ކާސިންކަލޯ ނުލަފާ ވައްތަރަކަށް ހޭން ފެށި އެވެ. ފާތުމަ ގާތަށް ވެސް ކުޑަކޮށް ހިނި އައެވެ. ދެން ކާސިންކަލޯގެ އަތުގައި ތަޅައިގެންފި އެވެ.

***

ފަތިހު އަލިކަތީބު ހޭލައިގެން މިސްކިތަށް ދިޔައިރު މޫސާ ދީ ނިދިފައި އިނެވެ. ކަތީބު ގޮސް ގޮނޑުގައި ހިފާ ތަޅުވައިލުމުން ސިއްސައިގެން ގޮއްސައި ތެދުވެއްޖެ އެވެ. އެތަނަށް އައީ ކޮންއިރަކުތޯ ކަތީބު އެހި އެވެ. މޫސާ ދީ ބުނީ ހާ ގޮވި ފަހުން ކަމަށެވެ.

ހެނދުނު ހެނދުނާ ތެދުވެ އެންމެން ޢީދު ނަމާދަށް ދާން ތައްޔާރުވާން ފެށި އެވެ. އަތު އޮތް އެންމެ އާ މުންޑާއިއެކު ފޮށާ ބޮލުގައި އޮޅި އެވެ. އެންމެ އާ ގަންޖުފަރާސް ލި އެވެ. އަތަރުލައިގެން ފިރިހެން ވެރީން ބައިގަނޑު ގަނޑަށް މިސްކިތާއި ދިމާއަށް މިސްރާބު ޖަހާފައި ވަނިކޮށް ފެނުނެވެ. އޭރު އަނެއްކޮޅުން އަންހެން ވެރީންވެސް ވަރުގެ ކޮޅަށް ނަލަހެދިގެން މިސްކިތަށް ދާން ފެށި އެވެ.

ފާތުމަ ލައިގެން ނިކުތީ ރަންކުލައިން އަތްކަން އަޅާފައިވާ ރަތް ލިބާހަކާއި ފޭއްޔެއްގަ އެވެ. އޮމާންކޮށް އެއްފަރާތަކަށް ހުޅި ޖަހައިފަ އެވެ. ދެފަޔައި ދެއަތުގައި ތަކަހޮޅި އެވެ. މޭމަތި ފަޅުފިލުވާލައިފައި އޮތީ ރަން ފަށްޓަރުބަޔަކުންނެވެ. ޤުދުރަތީ ރަތް ތުންފަތުގައި ފަނޑުވުމެއް ނެތް ހިނިތުންވުމެކެވެ.

ފާތުމަ، އަންހެނުންގެ ނަމާދުގެއާ ދިމާއަށް ދިޔައިރު އަންހެންކުދިން ވެސް ބަލައިލަނީ ޝައުޤުވެރި ލޮލަކުންނެވެ. ކޭލަކުނުގައި ހުރިއްޔާ ހުރި ފިރިހެނަކު މިއަދު ފާތުމަގެ ފައިދަށުގައި ހިތް ނަގާފައި ބާއްވާނެ އެވެ. އެހާވެސް ފުރިހަމަ އެވެ.

***

ޢީދު ނަމާދުން ފައިބައިގެން އަންނަންވާއިރަށް ދަލޭކަ ހުރީ ބޮޑުއަށި މައްޗަށް ކާއެއްޗެހި ނަގާފަ އެވެ. ގަބުޅި ބޮނޑިއާ ކުޅިބޯކިބާ އަދި ކަޅު ސައެވެ. ފާތުމަ އައިސް އިނީ ބޮނޑު އުނދޯއްޔަށް އަރައި ހެއްލާށެވެ. މިސްކިތުން ފައިބައިގެން އެމަގުން ދިޔަ ކޮންމެ ފިރިހެނަކު ވިއްޔާ ފާތުމައަށް ނަޒަރު ހިންގައިލަ އެވެ. ފާތުމަ އަޅައެއްނުލަ އެވެ. ފާތުމަގެ ހިތް އޮތީ ހަމައެކަނި ކާސިންކަލޯ އަށެވެ.

ކުޑަކަނބުލޮ ގޭތެރެއިން ނިކުތީ ދައްތަ ފަދައިން ނަލަވެގެންނެވެ. ކުޑަ ކަނބުލޮ ބޮޑައި ހާކަމުން ދިޔައީ ޢީދު ނަމާދަށް ނުދެވުނީމަ އެވެ. ފާތުމަ ކޮންމެވެސް އެއްޗެކޭ ބުނެފައި ކަނބުލޮ ރުއްސާލައިފި އެވެ. ދެން ގެނެސް އުނދޯއްޔަށް އަރުވައިގެން ދެބެން ބާރަށް ހެއްލަން ފެށި އެވެ. ދޮށްޓަށް ހުންނަ އައިމިނަ އައިސް އެގޭ ފޫޓު ފާރުން ވަނީ އެމީހުން އެތާ ތިއްބަ އެވެ.

"މަ ނުދާނަން ދެން އެގެއަކަށް. މައުޅޭނީ މިގޭގައި." އައިމިނަ ހޭރިގެންފައި ބުނެލި އެވެ.

އެމީހުން ފެނިގެން ފާތުމަގެ ތުންފަތަށް ވެރިވި ހިނިތުންވުން ފިލީ އެއަޑު އަހާފަ އެވެ. ފާތުމަ ކައިރިވެފައި ކުޑަ ސޮރު އުރާލުމުން އައިމިނަ ގޮސް އެތާހުރި ހިރުނދު ގަހެއްގައި އެއް އަތުން ހިފަހައްޓައިގެން އަނެއް އަތުން މޫނު ފޮރުވާލައިގެން ހުއްޓެވެ. އިރުއިރުކޮޅާ ލޯ ފުހެލަ އެވެ. ތިރިއަށް ބޭލުމުން ކުޑަސޮރު ފެށީ އެގޭ ކުޑަ ކަނބުލޮއާއެކު ކުޅޭށެވެ. މަންމަގެ ހާލާއިމެދު އެކުދިންގެ ހިޔާލެއް ފިކުރެއް ނެތެވެ.

ދޮންދަލޭކަ ބަދިގޭގައި އުޅެފައި ބޯދިއްކޮށްލި އެވެ. ލިބާހުގައި ހުރި ގޮށް މޮހާލައިފައި އައިސް އައިމިނަގެ ކޮނޑުމަތީގައި ބާއްވައިލި އެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަދޭން އެދުމުން އައިމިނަ ބަހަކުން ބަހެއް ނުބުންޏެވެ. ފާތުމަ ކަންބޮޑުވެފައި އެމީހުންނަށް ބަލަން ހުއްޓެވެ. އެއްލިކަޅިއަކުން ފާތުމަގެ ލޮލުގައި އަޅައިގަތީ ގެއާއި ދިމާއަށް އައި ބަފާމެންނެވެ. ފާތުމަ އިޝާރާތުން އަމައަށް އެތަން ދެއްކި އެވެ.

"ދަރިފުޅާ އެކުން ބަސް ގަބޫލުކޮށްގެން ތަނެއްގައި އިށީންދޭ. އައްޕަ އެއަންނަނީ މޫސާދީއާއެކު." ދަލޭކަ އައިމިނައަށް ބުނެލި އެވެ.

އައިމިނަ ނަސީބަކުން ހުރިތަނުން ގުޑުވައިލި އެވެ. މޫނު ފުހެލައިފައި ދެން ގޮސް އެރީ އުނދޯއްޔަށެވެ. ފާތުމަ ދައްތަގެ ކައިރީގައި އަރައި ޖައްސައިލި އެވެ.

"ދޮންދައިތާ. ކިހިނެތްތަ ވެގެން ތިއުޅެނީ؟" މޫސާދީމެން ގޮވައިގެން ދޮންދަލޭކަ އެތެރެއަށް ވަނުމުން ފާތުމަ ސުވާލު ކުރި އެވެ.

ދެފިރިހެނުން ބޯކިބާ ކައިގެން ނިކުތުމުން ފާތުމަމެން ގެއަށް ވަނެވެ. ދަލޭކަ ނިކުތީ ދުފާ މަޑިސީލަ ހިފައިގެންނެވެ. އުނދޯލީގައި ތިބި ދެމީހުންނަށް މަޑިސީލަ ހަވާލުކޮށްފައި އަނބުރާލައިފައި އަނެއްކާ އެތެރެއަށް ވަނެވެ. ފާތުމަ އުޅެނީ ކުދިވެރިންނަށް ކާންދިނުމުގަ އެވެ. އައިމިނަ އޭރުވެސް ދުރުގައި ހުރި އެހެން އަށްޓެއްގައި ހިމޭންވެފައި އިނެވެ. ދަލޭކަ ގޮސް އިށީންދެލީ އައިމިނަގެ ގާތުގައެވެ.

"އައިމިނާ! ވެގެން އުޅޭ ގޮތެއް ބުނީމަ އަހަރެމެންނަށްވެސް އެހީ ވެވޭނީ. ތިގޮތަށް އައިސް އަނގައިން ނުބުނެ އިނަކަސް ނުވާނެ. ކޮބާ މިހާރު ހަސަނު؟" ދަލޭކަ މަޑުމައިތިރި އަޑަކުން ވާހަކަދެއްކި އެވެ.

ފާތުމަ ކޮނޑުއަރުވާލައިފައި ބުނީ ހަސަނު ވާނީ ގޭގައި ކަމަށެވެ. ދަލޭކަ ނިތުގައި އަތް ފިރުމާލި އެވެ. ފާތުމަ އެދެމައިންގެ މޫނަށް ބަލަން ހުރެފައި ކުޑަ ސޮރު ވާހަކަދެއްކި އަޑަށް ސަމާލުކަން އެދިމާއަށް އަނބުރައިލި އެވެ. އެސޮރު ރޯންފެށީ ކުޅިވެގެންނެވެ. ފާތުމަ އަވަހަށް ފެންތަށި ނަގާފައި އެސޮރު ތުނބުގައި ޖެއްސި އެވެ.

"އޭ އަވަސްކުރޭ އިނގޭ. އޭރުން ނާ ބަލަން ދެވޭނީ." ފާތުމަ ކުދިންނަށް ބުނެލިއެވެ.

ދަލޭކަ އިޝާރާތުން އެއްޗެއް އަންގައިލުމުން ފާތުމަ އެމީހުން ރުއްސާލައިގެން ބޭރަށް ނިކުތެވެ. ދަލޭކަ ވާހަކަ ކުރިއަށް ގެންދަން ފެށީ ދެނެވެ. އެގޮތަށް ރުޅިހަދާލައިފައި ދަރި ގޮވައިގެން އައުމަކީ ރަނގަޅު ކަމެއް ނޫންކަން ވިސްނަދޭން މަސައްކަތް ކުރި އެވެ. އައިމިނަ އެވަރުންވެސް ވެގެން އުޅޭ ގޮތެއް ނުކިޔައިދިނެވެ. ދަލޭކައަށް ވިސްނުނީ އައިމިނަ އިރުކޮޅެއް ވަންދެން އެކަނި ދޫކޮށްލުން ރަނގަޅުވާނެ ކަމަށެވެ.

ނިކުތްއިރު ކަތީބުމެން ދެމީހުން ފަދައިން ފާތުމަވެސް ކުދިން ގޮވައިގެން ނާ ބަލަން ދާން ނިކުމެއްޖެ އެވެ. މަގުގެ ވަކި ހިސާބަކުން ފާތުމަގެ އެކުވެރި އައިސައާ ދިމާވި އެވެ. އައިސަ އަމިއްލައަކަށް ކުޑަސޮރުގެ އަތުގައި ހިފައިފި އެވ ކުޑަ ކަނބުލޮ ފާތުމަގެ އެއްފަރާތެއްގައި ހުއްޓެވެ.

ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ކުރަހާފައިވާ ބޮޑު ނަވުގެ އެތެރޭގަ އާއި ބޭރުގައި ޒާތްޒާތުގެ ރީތި ކުރެހުންތައް ހުއްޓެވެ. އިތުރަށް ރީތި ޅެން ބައިތުތަކާއި ބަނދި ފަދަ ލިއުންތައް ހުއްޓެވެ. ފާތުމަމެން ނާ ބަލަން ތިއްބާ މަގުގެ އަނެއްފަރާތުގައި ހުރި ގޯޅިއަކުން ތިން ފިރިހެނުންގެ ބައިގަނޑެއް ނިކުތެވެ. އެކަކީ އަތޮޅުވެރިންގެ ދޮށީ ފިރިހެން ދަރި އުސްމާނެވެ.

އުސްމާނު އެރަށަށް އައިސް އުޅެނީ ޢީދަށް ކަމަށްވެ އެވެ. ރަށަށް އެރީއްސުރެ ގިނަ ބައެއްގެ ސަމާލުކަން އުސްމާނު ހޯދާފައި ވެއެވެ. އުސްމާނު މަގެއްގެ މަތިން ދާ ނަމަ އަންހެން ކުދިން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. މުސްކުޅިވަރުގެ މީހުންނަށް ފެނުމުން އެމީހުންގެ ހުހަށް ތިބި އަންހެންދަރިން މަތިން ހިތަށް އަރަ އެވެ. އެއިން ކުއްޖަކާއި އުސްމާނު ގުޅޭނެ ނަމައޭ ހިތަށް އަރަ އެވެ. ގޭގައި މީރު ކެއުން ހަދާފައި ކޮންމެ ދުވަހަކުހެން އުސްމާނަށް ދައުވަތު ދީގެން ބަލާ އަންނަ ކަމަށް ވެ އެވެ. އެގޭގެއިން އުސްމާނަށް މެހުމާންދާރީ އަދާކުރަނީ ހުހަށް ތިބޭ އަންހެންކުދިންނެވެ. އެކަމަކު އުސްމާނުގެ ހިތާއި ކުޅެލެވޭފަދަ އަންހެންކުއްޖަކާއި ދިމާ ނުވާކަމަށް ވެ އެވެ.

"ފާތުމާ! ބަލާބަލަ އެހެރަ ކަމެއް." އައިސަ ސިއްރުން ވާހަކަދެއްކި އެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
2211
ގުޅުންހުރި ލިޔުންތައް

3 Responses

  1. ޖަޒުބަަތު

    Next part haadha dhuvaheh vanee?

  2. Jazubaathu

    Varah Salhi.

  3. މީހެއް

    Vara furihama Hama varah shauguveri kamaa ekumikiyani varah sukuru adhaakurann mi vaahaka liyaa meehaka ❤️????

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ