"ބޮޑު ރާޅެއް. އެންމެން ސަލާމަތް ވޭ....އެންމެން ސަލާމަތް ވޭ!" އަހަންމަދު ލަކުނޑި ބުރީގެ ދެފަރާތަށް ދެފައި ލައިފައި ދަނޑިގަނޑަކުން ފަލި ޖަހާފައި މަސައްކަތް ފެށީ ވީ އެންމެ ދުރަކަށް ދެވޭތޯ އެވެ.
އަހަންމަދުގެ ވާހަކަ އަހާފައި އެންމެންގެ މޫނު އެއްފަހަރާ ހުދުވެގެން ދިޔަ އެވެ. އެކަމަކު ތައްޔާރު ވާނެ ވަގުތެއް އެކަކަށް ވެސް ނުލިބުނެވެ. އެނބުރި ބަލައިލިއިރު ރަށުގެ މަލަމަތީ ނުވެއްޓިހުރި މަދު ގަސްތައް ފުނޑާލައިފައި ރާޅު އައިސް އެހެރަގެން ޖެހެނީ އެވެ.
ކަތީބާއި ހަސަނުވެގެން އެކަކު އަށިގަނޑު ކޮށްޕާފައި އެތަނާއި ދުރަށް ގެންދެވޭތޯ ބެލި އެވެ. ދަލޭކަ އިނީ ކުޑަކަނބުލޮއާ އައިމިނަގެ ސޮރުގެ ދެފަރާތަށް ލައިގެން ބައްދައިގެންނެވެ. އައިމިނަ ކުޑަސޮރު މެއާލައި ބޮނޑިކޮށްލައިގެންނެވެ. އެދެމީހުން އަޑު ވީއްލާ ރޮނީ އެވެ. އެކަމަކު ފާތުމަގެ އަނގައިން އަޑެއް ނުނިކުތެވެ. ލޮލުން ކަރުނައެއް ނަ އެވެ. ފާތުމަ އެނބުރި ބަލައިލީ ކައިރިވަމުން އައި ރާޅަށެވެ. ދެން ކައިރީ ތިބި އެކިމީހުންގެ މޫނަށެވެ. އެއަށްފަހު ދެލޯ މަރައި ބާރުކޮށްލައިފި އެވެ. ހިތަށް އެރި އެވެ. ފެންނަމުން މިދަނީ ބިރުވެރި ހުވަފެނެކެވެ. އިސާހިތަކު މިހުވަފެނުން ހޭލެވިދާނެ އެވެ. އޭރުން ހުރިހާކަމެއް ރަނގަޅު ވެދާނެ އެވެ.
***
ފާތުމައަށް ހޭވެރިކަންވީއިރު ބޮލުގައި ރިހުމެއް ހުއްޓެވެ. މޫނުގައި ބީހެމުންދިޔަ ވާރޭ ތިކިތައް އިހްސާސް ވުމުން ލޯ ހުޅުވާލެވުނެވެ. އަދިވެސް ވާރެ ވެހެނީ އެވެ. ފާތުމައަށް ފެނުނީ ދިމާ މަތީ އޮތް އުޑެވެ. ކަޅު ސާލު އަޅައިގެން އޮތް ގޮތުން މީން އިރަކު ވެސް ވާރޭ ހުއްޓާނެ ކަމެއް ނޭނގެ އެވެ. ފާތުމަ ކަނާތް ފަރާތަށް ބަލާލިއިރު ކައިރީގައި އޮތީ ގަހެއްގެ އޮފިތަކެވެ. ވާތް ފަރާތަށް ބެލިއިރު އެތާގައިވެސް މެ އެވެ. ދެފައި އޮތީ ހީވާ ގޮތުން ފެނުތެރޭގަ އެވެ. ފާތުމަ ތެދުވެ އިށީންދެފައި ވަށައިގެން ހޯދައިލި އެވެ. ރާޅާއެކު ގެނެސް އޭނަ އޮތީ ވެއްޓިފައި އޮތް ގަހެއްގެ އޮފިތައް ތެރެއަށް ޖެހި މަތަވެފަ އެވެ. ގަހުގެ ތިރީގައި ރަށުތެރޭ ހެދިފައިވާ ފެންގަނޑެވެ. އެފެންގަނޑު މަތީގައި އޮޔާދާ އެއްޗެހި ގިނަ އެވެ.
ހަލާކުވެފައިވާ ގޭގޭގެ ބައިތަކެވެ. މަރުވެފައިވާ ދިރޭ އެއްޗެއްސާއި ގަސްގަހެވެ. ފާތުމަގެ ނަޒަރު ސީދާ ވީ ބަންޑުން އޮޔާދިޔަ މީހަކަށެވެ. އަވަހަށް އެދިމާއަށް ދާންވެގެން އުޅުނު ވަގުތު ބަނޑަށް އާދަޔާ ޚިލާފަށް ތަދުވި އެވެ. އެވީތަދުން މޫނުމައްޗަށް ވެސް އަނދިރިވާ ގޮތްވިއެވެ. ފާތުމަ އިސްއޮބާލައިފައި ބަނޑަށް ބަލާލި އެވެ. އެވަގުތު ވީގޮތް ބުނެދޭންވެސް ނޭނގުނެވެ. ބަނޑަށް ހުރީ ލަކުނޑިގަނޑެއް ވަދެ ހަރުލައިފަ އެވެ. ފާތުމައަށް ދެން ހިރިލާންވެސް ދެން ނުކެރުނެވެ. އިސާހިތަކު ލޮލުން ކަރުނަ އޮހޮރިގެން އަންނާން ފަށައިފި އެވެ. ބުދެއްހެން އޮފިތައްމަތީ އެއިންގޮތަށް އިނދެގެން ވަށައިގެން ހޯދަން ފެށި އެވެ. މަންމަ ނޫނީ އާއިލާގެ އެހެން މީހަކު ވެސް ފެންނާނެ ނަމައޭ ހިތަށް އެރި އެވެ.
ލޮނުގަނޑު ތެރެއިން ކަތީބަށް ބޯ ހިއްލާލެވުނުއިރު އަށިގަނޑު ފެންނާކަށް ނެތެވެ. ކަތީބު އެކިމީހުންނަށް ގޮވަމުން ފެންގަނޑު ތެރޭ ފަތައިގަތެވެ. އިރުކޮޅަކުން ކަނބުލޮގެ ހެދުން ފެނުނުހެން ހީވި އެވެ. ކަތީބު ދެވުނު އެންމެ ބާރަކަށް ގޮސް އެދިމާއަށް އަޑިއަށް ގޮއްސައި އެރީ ކުޑަ ކަނބުލޮ ގޮވައިގެންނެވެ. ކަނބުލޮ ކެއްސައިގެންފައި ރޮމުން ދެއަތުން ބެއްދީ ކަތީބުގެ ކަރުގަ އެވެ. ދުރުން މީހަކު ގޮވާހެން ހީވެގެން ބެލިއިރު ހަސަނު ގަސްތަކެއްގެ ފުރަގަހުން ނިކުމެގެން އައީ އަށިގަނޑުގައި އެލިގެން އޮވެ އެވެ. ކުޑަސޮރު އުރައިގެން އައިމިނަ އަށިގަނޑު މަތީ އިނެވެ.
ދަލޭކަ އާއި ފާތުމަ އަދި ކުޑަސޮރު ވީތަނެއް ނޭނގިގެން އައިމިނަ ރޮނީ އެވެ. ކަނބުލޮ ގެންގޮސް އަށިގަނޑު މައްޗަށް އެރުވުމުން އައިމިނަ އެކުއްޖާ ގައިގައި ބައްދައިގަތެވެ. ހަސަނާއި އަށިގަނޑު ހަވާލުކޮށްފައި ކަތީބު މަސައްކަތް ފެށީ ދަލޭކަ އާއި ފާތުމަގެ ޚަބަރެއް ކައިރި ހިސާބަކުން ވޭތޯ އެވެ. ދުވެލަ ދުވެލާ އޮތީ އެމީހުން ބޭނުންކޮށްފައި ހުރި އެއްޗިއްސެވެ. ވެއްޓިފައިވާ ގަސްގަހާއި މަރުވެފައިވާ ބުޅާ މީދާފަދަ އެއްޗިއްސެވެ. ކާށްޓާއި ހަލާކުވެފައިވާ މޭވާތަކެވެ.
ދަލޭކަ ފެނުނީ ބަންޑުން އޮޔާދަނިކޮށެވެ. ކަތީބު ގޮސް ކޮނޑުގައި ހިފާ ނެގިއިރު އޮތީ މަރުވެފަ އެވެ. ކަތީބުގެ ލޮލުން ކަރުނަ ހިލުނެވެ. ދަލޭކަގެ މޫނުގައި ދެއަތުން ހިފާފައި ގެނެސް މޭގައި ޖައްސާލައިގެން އިރުގަނޑަކު ހުރެވުނެވެ. ދެން އެހަށިގަނޑު ދޫކޮށްލައިފައި އެނބުރި ދިޔައީ ހަސަނުމެން ތިބި ދިމާއަށެވެ.
ގިނައިރެއް ނުވެ ސަލާމަތުން ތިބި ބައެއް އެހެން މީހުންތައް ވެސް ފެންނަން ފެށި އެވެ. ކަނދުބުރިއާ މަޅު އަދި ގަސްބުޑުގައި އެލިގެން ތިބި މީހުންނެވެ. ކަތީބު އެންމެން ކައިރީ ވަކި ވަކީން ފާތުމަ އާއި ކުޑަސޮރުގެ ވާހަކަ އެހި އެވެ. އެކަކަށް ވެސް އެމީހުން ފެނުނު ކަމަކަށް ނުވި އެވެ. މެންދުރެއްހާއިރު ވީއިރު ބަނޑުހައިކަން އުދަނގޫ ކުރަން ފެށި އެވެ. އަތު ޖެހޭ ހިސާބުން ލިބުނީ ފެނުން ފޯވެފައިވާ ކާށި ކޮޅަކާއި ހަލާކުވެފައިވާ ބައެއް މޭވާ އެވެ. ސިއްހީ ގޮތުން އެތަކެއްޗަކީ ރައްކާތެރި އެއްޗެހިތޯ ބަލާނެ ތަނެއް ނެތެވެ.
"އަންމާ މިމަންޖެ ނުރޮނީ ކީއްވެ؟ ހަސަނާ މިމަންޖެ ނުރޮނީ ކީއްވެ؟" އައިމިނަ ތުއްތު މަންޖެ ގަޔާއި ދުރުކޮށްލައިފައި ބަލަމުން އެހި އެވެ.
އެމަންޖެ ރޯލާ އަޑު ނީވޭތާ މާބޮޑަށް ވެސް ގިނައިރު ވެއްޖެކަން އެންމެނަށް ފާހަގަވި އެވެ. ކުރިން އެމީހުންނަށް އެކަން އިހްސާސް ނުވީ އެވެ. ހަސަނު ބިރުން އޮވެގެން ކުޑަކުޑަ ދަރިފުޅުގެ ގައިން ވިންދު ބަލައިލި އެވެ. ފިރިމީހާގެ މޫނަށް އައި ބަދަލު ފެނިފައި އައިމިނަގެ ބަނޑި ފަޅައިގެން ދިޔަ އެވެ. އައިމިނަ އެމަންޖެ މެޔާލައި ބޮނޑިކޮށްގެން އިނދެ ގިސްލަނީ އެވެ. އެމަންޖެ ފުރާނަ ދޫކުރި އިރެއްވެސް ނޭނގުނެވެ. ފުރާނަ ދޫކުރި ފަހުން ވީ ކިހާ އިރެއް ކަމެއްވެސް ނޭނގެ އެވެ.
ވަޅުލެވޭނެ ގޮތެއް ނެތުމުން ފޮތިގަނޑެއް ހޯދައިގެން ނިވާކޮށްލައިފައި ފެނަށް އެއްލައިލަން ކަތީބު ލަފާދިނެވެ. އެކަމަކު އައިމިނަ ގަބޫލެއް ނުވި އެވެ. އެތުއްތު ލޯބި ދަރިފުޅު ފެނަށް އެއްލައިލަން މައި ލަނގޮޑިއަކަށް ކެތެއް ނުވި އެވެ. އެއީ އޭނަ ނުވަ މަސް ވަންދެން ބަނޑުގައި ގެންގުޅެފައި ރޭގައި ވިހޭ ކުއްޖެކެވެ. ކިތަންމެ ނާޒުކް ހާލަތެއްގައި އޮވެ ވިއަސް އެތުއްތު ފުރާނަ ދުނިޔެއަށް އައިވަގުތު އޭނަގެ ތުންފަތަށް ހިނިތުންވުން ވެރިވި އެވެ.
އޭނަގެ އަތްދަނޑި މަތީގައި އެތުއްތު ކުއްޖާ އޮތީ ފުން ނިންޖަކުން ނިދާލައިފަ އެވެ. ދުނިޔޭގެ އެއްވެސް ފިކުރެއް އެކުއްޖާއަކަށް ނުވެ އެވެ. އެލޯބި މޫނަށް ބަލަން އައިމިނަ އޮތީ ކަޅި ޖަހާނުލަ އެވެ. އެހެން އޮވެގެން އައިމިނަ ހިތާއި ހިތުން ވަޢުދު ވި އެވެ. ހާލަތު ކިތަންމެ ނުރައްކާ ވިއަސް އެމަންމަގެ ނޭވާ ހިނގަންޏާ އެދަރިފުޅު ރައްކާތެރި ކޮށްދޭނެ އެވެ. އަމިއްލަ ހަށިގަނޑުގެ ހޫނުން އެދަރިފުޅު ފިނިން ސަލާމަތް ކޮށްދޭނެ އެވެ. އަމިއްލަ ފޭރާމުގެ އެހީގައި ވާރެއިން ހިޔާވަހިކަން ހޯދައި ދޭނެ އެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް ރީތި ހުވަފެންތަކެއް އައިމިނަގެ ލޯ ކުރިމަތީ އެނބުރިލި އެވެ. އެތުއްތު ދަރިފުޅު ފުރަތަމަ ހީލާނެ ވަގުތެވެ. އަތްފައި ހަރަކާތް ކޮށް އެހެން މީހުން މުނިފޫހި ފިލުވައިދޭނެ ގޮތެވެ. އެތުއްތު ރުއިމުގެ އަޑާއި ހުނުމުގެ އަޑުން ގޭތެރެ އިތުރަށް ފަޅުފިލުވައިދޭނެ އެވެ. ފިރުކެމުން މަންމަ ކައިރިއަށް ދާނެ އެވެ. ދެއަތް ދިއްކޮށްފައި ރޮމުން އުރަން އެދޭނެ އެވެ. ފިޔޮޅުގަނޑު ޖެހެމުން މަންމައަށް ގޮވަމުން ފަހަތުން ދުވާނެ އެވެ.
އެކަމަކު އާހް! ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެހުރިހާ ހުވަފެނަކީ ބިލާހަކަށް ވެ ނިމިއްޖެ އެވެ. އެދަރިފުޅުގެ އަޑެއް ދެން ދުވަހަކުވެސް ނީވޭނެ އެވެ. އެދަރިފުޅުގެ ހިނިތުންވެފައިވާ މޫނެއް ނުފެންނާނެ އެވެ. ފުރަތަމަ އަނގައިން ބުނާ އަޑެއް ފުރަތަމަ ފިރުކޭ ތަނެއް އަދި ހިނގާތަނެއް ނުފެންނާނެ އެވެ.
އައިމިނަ އަތުން ދަރިފުޅު އަތުލެވުނީ ގަދަކަމުންނެވެ. ކާފަ ދަރިފުޅުގެ މޫނަށް ބަލައިލި ވަގުތު ކަތީބުގެ ލޮލުން ވެސް ކަރުނަ ތިއްކެއް ވެއްޓުނެވެ. ބޮލުގައި އޮތް ފޮށައިން އޮޅައި ކަފުން ކޮށް ބަނދެފައި ކުއްޖާ ގޮވައިގެން ދިޔައީ މޫދާއި ދިމާއަށެވެ. ހުރަހެއްނެތި ރަށުތެރެއަށް ވަދެގެންދާ ރާޅުތަކަށް ބަލަން ހުރެފައި ކަނދުބުރީގައި ގޮސް ތުއްތު ކުއްޖާ ދޫކޮށްލި އެވެ.
***
ވަރުބަލިވެގެން ފާތުމަ އޮތީ އޮށޯވެ އެވެ. އޮފިތަކު ތެރެއިން ފައިބާނެ ހިތްވަރެއް ނެތެވެ. ޒަޚަމްވެފައިވާ ތަނުން ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުން މީހާ އޮތީ ވަރުބަލިވެފަ އެވެ. ދޭތެރެއަކުން ބޯހިއްލާލައިފައި ބަލައިލަނީ މީހެއްގެ ހިލަމެއް ވޭތޯ އެވެ. ބައެއްފަހަރު އައްޕާއޭ ކިޔާފައި ގޮވާލަ އެވެ. ޖަވާބެއް ނައުމުން އަނެއްކާ ހުއްޓާލަނީ އެވެ. ބަނޑުހައިކަން އެހާމެ އުދަނގޫ ކުރަމުން ދިޔަ އެވެ.
އުންމީދުގެ ފަހު ދޯދިފަށް ވެސް ނިވުނީ އިރުއޮސެން ކައިރިވިކަން އިހްސާސްވެފަ އެވެ. އަނދިރިވެއްޖެނަމަ އެކަކަށް ވެސް އޭނަ ނުފެންނާނެ އެވެ. އަދި އެގޮތުގައި މުޅި ރޭ ހޭދަކުރަން ޖެހިއްޖެނަމަ އަލިވިލުމުގެ ކުރިން ފަހު ނޭވާ މިދުނިޔެއަށް ދޫވާނެ އެވެ.
ވަރުބަލިކަމުގައި ލޯމެރެމުން ދަނިކޮށް ފެންގަނޑު ތެރެއިން އެއްޗެއް ހަރަކާތް ކުރާ އަޑު ކަންފަތުގައި ހަރުލި އެވެ. ފާތުމަ ތެދުވަން ބޭނުންވި އެވެ. އެކަމަކު އަތްފައިގައި ހަކަތައެއް ނެތެވެ. ގަދަކަމުން އެސްފިޔަތައް ދުރުކޮށްލި ވަގުތު މީހަކު އައިސް ފެންގަނޑު ތެރެއަށް އޭނަ އޮތް ގަހުގެ އޮފިތައް މައްޗަށް އެރީ އެވެ. އެއީ ކާކުކަން އެނގުމާއެކު ލޯ ފުރިގެން ކަރުނަ އޮހިގަތެވެ.
"ފާތުމާ!" ފާތުމަ އޮތް ހާލު ދެކެފައި ކާސިންކަލޯއަށް ރޮވިއްޖެ އެވެ. ބަނޑަށް ހެރިފައިވާ ލަކުނޑިގަނޑު ފެނުނީ ދެއަތުގައި ހިފާ ނަގަން އުޅުމުގެ ތެރޭގަ އެވެ. ފާތުމައަށް މަޑު އާހްއެއްގެ އަޑު އިއްވާލެވުނެވެ. ކާސިންކަލޯ ފާތުމަ ނަގައި ބޭއްވީ އުނގުގަ އެވެ.
"ކޮބާ އަންމަ؟" ބަލި އަޑަކުން ފާތުމަ އެހިއެވެ.
ކާސިންކަލޯ ރޮއިރޮއިފައި އަމާ މަރުވި ގޮތް ކިޔައިދިނެވެ.
"ފާތުމަ ހާސްނުވޭ. އަހަރެން ފާތުމަ ގެންގޮސްދޭނަން ފާތުމަގެ އާއިލާ ކައިރިއަށް. އެމީހުން ތިބި ތަނެއް އަހަރެންނަށް އެނގޭ. އެމީހުން އުޅެނީ ފާތުމަ ނުފެނިގެން. ފާތުމަގެ ދޮންދައިތައާ ބަފާވެސް ހެޔޮހާލުގައި އަދި އެބަހުރި." ކާސިންކަލޯ ފާތުމައަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ދެއްކި އެވެ. އެވަގުތު ފާތުމަ މަޑުމަޑުން ބޯ ހޫރައިލީ ދެފަރާތަށެވެ.
އޭގެ މާނައެއް ކާސިންކަލޯ އަކަށް ފުރަތަމަ ނުވިސްނުނެވެ.
"އަހަރެންނަކަށް ދެން... ނުދެވޭނެ..." ފާތުމަގެ އަނގައިން އެބަސްތައް ނިކުތެވެ.
"ނޫން ނޫން..." ކާސިންކަލޯ ދެފަރާތަށް ބޯ ހޫރަމުން ދެކޮޅު ހެދި އެވެ.
އެލޮލުން އޮހެމުންދިޔަ ކަރުނައަކަށް މެދުކެނޑުމެއް ނާދެ އެވެ.
"އަހަރެން ވަރަށް އުފާވެއްޖެ...ފަހު ވަގުތު ކާސިމު ފެނުނީމަ. އަހަރެން މިއޮތީ ވަރަށް އުފަލުން..." ފާތުމަ އަނެއްކާވެސް ވާހަކަދެއްކި އެވެ.
ކާސިންކަލޯއަށް ޖަވާބެއް ނުދެވުނެވެ. ރޯލަ ރޯލަ އެމޫނަށް ބަލަން އިނދެވުނީ އެވެ.
ފާތުމަގެ ނޭވާ ފުންވެގެން އައިތަން ކާސިންކަލޯއަށް ފެނުނެވެ. ކާސިންކަލޯ ގުދުވެފައި ފާތުމަގެ ނިތުގައި ތަކުރާރުކޮށް ބޮސްދިނެވެ. ދެން ބުނެލީ ލޯބިވާ ވާހަކަ އެވެ. ފާތުމަގެ ތުންފަތުން ހިނިތުންވުމެއްގެ އަސަރު ފެނުނެވެ. ފާތުމަގެ ހިތުގެ ލޯގަނޑަށް އަރާފައި ހުރީ އެދެލޯބިވެރިން އެކުގައި ހޭދަކުރި އުފާވެރި ވަގުތު ތަކެވެ. ދެން ފަހު ނޭވާ މިދުނިޔެއަށް ދޫކޮށްލައިފި އެވެ. ކާސިންކަލޯ ވެސް ވަގުތުން ހިމޭންވި އެވެ. ހުޅުވިފައިވާ ފާތުމަގެ ރީތި ދެލޮލަށް ބަލަން އިނުމަށްފަހު އެދެލޯ މަރުވައިލި އެވެ. އެއަށްފަހު އެހަށީގަނޑު ގެނެސް މެޔާލައި ބޮނޑިކޮށްލައިގެން އިނދެ އުޑާއި ދިމާއަށް މޫނު އުފުލާލުމަށްފަހު އަޑުގާ ނެތްތަނަށް ހަޅޭތްލަވައިގަތެވެ.
***
އިރު އޮއްސުމުން އިތުރަށް އެންމެން މާޔޫސްވި އެވެ. އެފިނި ރޭގަނޑު ވެހޭ ވާރޭގައި ހޭދަކުރާނެ ބާރެއް އެމީހުންގެ ހަށިގަނޑަކު އިތުރަކަށް ނެތެވެ. ހައިހޫނުކަން އެހާމެ ބޮޑެވެ. ތަޣައްޔަރުވެފައިވާ ފެންގަނޑުން ނަގައިގެން ކެއި ހަލާކުވެފައިވާ މޭވާފަދަ އެއްޗެހީގެ ސަބަބުން ކާނާ ވިހަވެގެން މީހުންތައް މަރުވާން ފެށި އެވެ. ބާކީ ތިބި މީހުން ތިބީ އިރު އަރަންދެންވެސް ދިރިހުރެވޭނެ ކަމުގެ އުންމީދަކު ނޫނެވެ.
ރޭދެބައި ވީއިރު އައިމިނަ ދޮޅިއުފުރާ ނޭވާލާން ފެށި އެވެ. ހަސަނު ރުއި އިރު އަޑުވެސް ބޭރު ނުވެ އެވެ. ކަތީބު އޮތީ ހިތްވަރުދޭން ވާހަކަދައްކާނެ ވަރުވެސް ނެތިފަ އެވެ. އައިމިނަ މަރުވުމުން ފެންގަނޑު ތެރެއަށް ދޫކޮށްލީ ހަސަނެވެ. އޭރު ކައިރި ހިސާބުގައި ތިބި ކުރިން ތިބި މީހުންގެ ފަރާތުން ވެސް އަޑެއް ބަޑެއް ނީވެ އެވެ. ހީވަނީ ގިނަމީހުން ހަރަކާތް ހުއްޓިފައި ވާ ހެންނެވެ.
ޖެހިގެން އައިދުވަހުގެ އިރު އެރިއިރު ވިއްސާރަ އޮތީ އަލިކޮށްފަ އެވެ. ރަށުތެރޭ ހެދިފައިވާ ފެންގަނޑު ވެސް މަޑުމަޑުން ހިނދުނެވެ. އުޑުމަތީން ވިލާ ކެހި އަވި ދިއްލާލި އެވެ. ރުޅިއައިސްފައިވާ ރާޅުތައް މައިތިރިވެ ވައިރޯޅި ހިނދުނެވެ. އެކަމަކު މުޅި ރަށް އޮތީ ހިމޭންވެފަ އެވެ. މީހެއްގެ އަޑެއް ބަޑެއް ނީވެ އެވެ. ގިނައިރުތަކެއް ނުވެ ދުރުން އައި ކުޑަ ދޯންޏެއް ގޮނޑުދޮށަށް ބީއްސާލައިފައި ދެމީހަކު ފޭބި އެވެ.
އެމީހުން އައިސް މަރުވެފައިވާ މީހުންގެ ހަށިގަނޑުގައި ހިފާ އަނެއް ފުށަށް ޖަހައި ބެލި އެވެ. ދިރި ހުރި އެކަކުވެސް ނުފެނިގެން ދާން އަނބުރާލިތަނުން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. ބަލާލިއިރު ކަނޑިކި ބުރިއެއްގައި ހުރި ކުޑަ އަންހެންކުއްޖަކު ރޯލަ ރޯލާ ހުއްޓެވެ. މުޅިގައިގައި ކިލަ އެވެ. ހަމުގެ ކުލަވެސް ވަކި ނުވެ އެވެ. އެމީހުން އައިސް ކުއްޖާ އުރާލައިފައި ނަން އެހުމުން ބުނީ ނަމަކީ ކުޑަ ކަނބުލޮ ކަމުގަ އެވެ. އަދި ބަފައަކީ ކަތީބު ކަމުގައެވެ.
ނިމުނީ
5 Responses
ކޮބާތަ މީގެ ފަހުބައި.
Haadha ginain nan olhuvaalaafa ebahuttey mibaiga.. Anehka dhaleyka maruvifahun ves dhaleyka roan ves indhefi.. Aimina eh faathuma eh kuda soreh vaki nuvefa mi dhiyaee.. Ekm vahaka hama habeys
ކަޑަކަޑަ ނިިންމާލަން މިނޫން ގޮތެއް ނެތް ތަ؟
ވަރަށް ސަޅި. ހަމަ ފުރިހަމަ ވާހަކައެއް. މިވާހަކައިގާ ހަގީގީ ހާދިސާގެ ކިތައް ޕަސެންޓް ހިމެނޭތޯ އަހާހިއްވޭ.
nimunu goiy ehaa reeccheh noon