ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރަ މިރޭވެސް ކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.
މިއަދު ހެނދުނު 10:00 އިން ފެށިގެން ވައިޓް އެލާޓް ނެރުމަށްފަހު، މޫސުން އިތުރަށް ގޯސްވެ މެންދުރުފަހު 01:00 އިން ފެށިގެން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. މި ސަރަހައްދަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު ވަނީ އަނެއްކާވެސް އިތުރުކޮށްފައެވެ.
މިރޭ 09:00 އިން ދަންވަރު 01:00 އަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު25 މޭލާއި30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު55 މޭލަށް ވައިގަދަވެ ކަނޑުވެސް ގަދަވާނެކަމަށް މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވެއެވެ.
Alert Yellow extended till 22/0100hrs. pic.twitter.com/sqZN1721Wu
— Maldives Meteorology (@MetMaldives) May 21, 2020
މިރޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޯށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް. އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.



