ނޮޅިވަރަމު ފުޓުސަލް ދަނޑު ؛ ފޮޓޯ: މުޙައްމަދު ޒިޔާދު

ނޮޅިވަރަމު ފުޓްސަލް ދަނޑުގައި ޓާރފު އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމު ފުޓްސަލްދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާން ކުރައްވައިފިއެވެ.

އިއުލާނުގައި ވާ ގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 މެއި 12 ވާ އާދިއްތަ ދުވަހުގެ 12:00 އަށް އެ ވުޒާރާއަށް ހާޟިރުވެ މައުލޫމާތު ސާފުކުރަންޖެހެއެވެ. އަދި 2019 މެއި 16 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށައަޅަންޖެހެއެވެ.

ނޮޅިވަރަމު ފުޓުސަލް ދަނޑަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރަންފެށި ސްޕޯޓްސް އެރީނާ ތަކުގެ ތެރޭގައި ހިމެނިގެން  2015 ގައި އަޅަންފެށި ދަނޑެކެވެ. ދަނޑުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވާންދެން ހުއްޓިފައި އޮތުމަށްފަހު ނިމިދިޔަ 2018 ވަނަ އަހަރުގެ ފަހުކޮޅުވަނީ ދަނޑުގެ ކޮންކުރީޓު މަސައްކަތް ނިންމާލާފައެވެ. އަދި ދަނޑަށް ކަރަންޓު ލުމުގެ މަސައްކަތް މި އަހަރު ފެބްރުއަރީ މަހުގެ ފަހުކޮޅު ވަނީ ނިންމާލައިފައެވެ.

ނަމަވެސް ދަނޑުގައި އަޅަން ގެނެސްފައިހުރި އިންޑޯމެޓު ދަނޑުގައި އަޅަން ކައުންސިލާ ރަށުގެ ޒުވާނުން ބޭނުންނުވާތީ މިއަދާ ހަމައަށް ވެސް ވަނީ ދަނޑު ބޭނުން ކުރަން ނުފެށިއެވެ.

ނޮޅިވަރަމަކީ، ރާއްޖޭގެ މަޝްހޫރު ކުލަބުތަކަށާއި ޤައުމީ ޓީމަށް ކުޅުންތެރިން ނެރެދީފައިވާ ރަށެކެވެ. އެހެން ނަމަވެސް ފުޓުބޯޅަ ކުޅޭނެ ރަނގަޅު ފެންވަރެއްގެ ދަނޑެއް ނެތް ރަށެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ