ރަމަޟާންމަހުގެ ރޭތަކުގައި އަކުޅުކަން ކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެކަމަށް، ކީތިރި ރަސޫލާގެ ސުންނަތުގެ އަލީގައި އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، އިޙްލާޞްތެރިކަމާއެކު ޘަވާބާއި ދަރުމައަށް އެދިގެން ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ އެންމެހާ ފާފަތައް ފުހެވޭނެކަމަށް މާތް ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށެވެ.
"އީމާންކަމާއެކު ﷲ ގެ ޙަޟްރަތުން ޘަވާބާއި ދަރުމައެދޭޙާލު ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ." ރަސޫލާގެ ހަދީޘް ބަސްފުޅުގެ މާނައިގައިވެއެވެ.
ރޯދަމަހުގެ ތަރާވީޙު ނަމާދަކީ ވަރަށް މަތިވެރި އަޅުކަމެއް ކަމަށާއި، ޖަމާޢަތުގައި އިމާމުގެ ފަހަތުގައި ތަރާވީޙު ނަމާދު ކުރުމަކީ އިތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އިމާމާ ނިމެންދެން އިމާމާއާ އެކު ނަމާދުގައި ޤާއިމުވެ ހުރެއްޖެ މީހަކަށް އެރެއެއްގެ ރޭއަޅުކަން ލިޔުއްވޭނޭކަމަށް ސުންނަތުގެ އަލީގައި ޚުޠުބާގައި ވިދާޅުވިއެވެ.
އަދުގެ ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވުވެފައިވަނީ، ރޯދަމަހުގައި ލެއްވިގެންވާ އެންމެ ބޑު ނިޢުމަތަކީ ލައިލަތުލްޤަދުރި ވިލޭރޭ ކަމަށާއި، އެރެއަކީ އެއްހާސް މައްސަރަށްވުރެ، ހެޔޮކަން ބޮޑު ރެއެއް ކަމަށެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިންވާ އެރޭގައި އަޅުކަމުގައި ޤާއިމުވެ ހުރެއްޖެ މީހާގެ ފާފަތައް ފުއްސަވާނޭކަމަށް ވާރިދުވެގެންވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"އިޚުލާޞްތެރިކަމާއެކު، މާތް ﷲ ގެ ޙަޟްރަތުން ޘަވާބާއި ދަރުމައެދިގެން ލައިލަތުންޤަދުރިވިލޭރޭ ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވައި ދެއްވާނެތެވެ." ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.
ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ، ރަމަޟާންމަހު ކީރިތި ޤުރްއާން ބާވައިލެއްވުނީ ޙައްޤާއި ބާޠިލް ވަކިކޮށްދޭ ވަރުގަދަ ޙުއްޖަތެއް ކަމުގައި ކަމަށާއި، އެ ޤުރްއާނުގެ ސަބަބުން މުޅި ދުނިޔެއަށް އިޞްލާޙީ އިންޤިލާބެއް އައި ކަމަށެވެ. އަދި ޤުރްއާނުގެ ސަބަބުން ހެޔޮ ޢަމަލާއި، ތަޤްވާވެރިކަމާއި، އަދުލުވެރިކަމާއި، އިންޞާފު ދުނިޔެއަށް ޢާއްމުވެ، އަނިޔާވެރިކަމާއި ނޭއްގާނީ ޢަމަލުތައް މަދުވިކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
ހިޔާލު
ވަރަށް ރަނގަޅު ލިއުންކޮޅެއް. މިފަދަ ލިއުންތަށް ގިނައިން ފެންނާނެކަމަށް އުއްމީދު ކުރަން.
ކޮމެންޓް ކުރުން ބަންދު