ފިލްމް "ކުޑަކުޑަ ބާރު": "ޖިިންނި ޖިނާ"އާއިއެކު އާއްމުންނަށް މުހިއްމު މެސެޖެއް!

ދިވެހި ފިލްމީ ދާއިރާގެ ތަރިންކޮޅެއް އިސްނަގައިގެން "ކުޑަ ކުޑަ ބާރު" ގެ ނަމުގައި ވަރަށް ޢިބްރަތްތެރި ކުރު ފިލްމެއް ބެލުންތެރިންނަށް މި ވަނީ ދޫކޮށްލާފައެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން، ރެޔާއި ދުވާލު ސިއްހީ މާހިރުން ދޭ އިރުޝާދުތައް އާއްމުންނަށް ހަނދާންކޮށްދިނުމުގެ އިތުރުން، ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަދާފައިވާ ފިލްމެކެވެ..

ނުވަ މިނެޓްގެ މި ކުރު ފިލްމްގައި ފެށިގެން ނިމެންދެން ކިޔައިދިނީ، އިޖުތިމާޢީ ގައިދުރުކުރުމާއި، މިވަގުތު އަމިއްލަ ގޭގައި ތިބުމުގެ މުހިއްމުކަމެވެ. ޒަރޫރީ ބޭނުމަކަށް ފިޔަވާ ގެއިން ބޭރަށް ނުނުކުތުމަށެވެ. އަދި އެއް ރަށެއްގައި ނުވަތަ އެއް ސަރަހަދެއްގައި ދިރިއުޅުނު ކަމުގައިވިޔަސް ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ ކައިރިޔަށް މިވަގުތު ނުދިއުމަށެވެ. އެއްގެއެއްގައި ދިރިއުޅޭ އަމިއްލަ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ފުރާނަ ނުރައްކަލަކަށް ނުވައްޓާލުމަށެވެ.އެގޮތުން މިފަދަ އެތައް މުހިއްމު މެސްޖުތަކެއް ކޮވިޑް-19 އިން ރައްކާތެރިވުމާއި ގުޅޭގޮތުން މި ފިލްމް މެދުވެރިކޮށް ފޯރުކޮށްދީފައިވެއެވެ.

އެގޮތުން މި ފިލްމް ފެށިގެން އަންނަނީ، އެއްގެއެއްގައި އުޅޭ އާއިލާއެއްގެ ތެރެއިން މެންބެރެއް ކަމުގައިވާ "ޒޫނާ" ގެއްލިގެން އުޅޭ ހިސާބުންނެވެ. އެގޮތުން ޒޫނާ ދިޔަތަނެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އާއިލާގެ އެހެން މެންބަރުންނާއި އަދި ކައިރީގެ އުޅޭ އެހެން އާއިލާތަކުގެ މީހުންގެ ކައިރީ އެކަކު އަނެކަކު ޒޫނާ ވީ ތަނެއް އިނގޭތޯއަހައެވެ. އަދި މި މަންޒަރުތަކުން، ފިލްމީ ދާއިރާގެ މަޝްހޫރު އެކި ފަންނާނުންތަކެއް ފެނިގެން ދިޔައިރު، ފިލްމްގައި ކޮންމެ ތަރިއަކުވެސް ކިޔައިދިނީ މި ބަލިން ރައްކާތެރިވެ ތިބުމަށް ކުރަންވީ މުހިއްމު ކަންކަމުގެ އިރުޝާދުތަކެވެ.

ފިލްމްގެ ނިމުން އަންނަނީ ފަތިސް ހަނދުވަރު "ޖިނާ" އާއި "ޒޫނާ" ގެ ރީޔުނިއަން އަކުންނެވެ. އެގޮތުން "ޒީނާ" އަކީ ނިއުމާއެވެ. އަދި ޖިނާ އަކީ ރީކޯ މޫސައެވެ. އެހެންކަމުން މިއީ ފަތިސް ހަނދުވަރުގެ ރީޔުނިއަންއެއްގެ އިތުރުން ކުޅަދާނަ މި ދެ ތަރިންވެސް އެތައް އަހަރުތަކަކަށްފަހު  ކެމެރާގެ ކުރިމަތިން އެކުގައި ބައްދަލުވި ފުރަތަމަ ފަހަރެވެ. އެކަމަކު މި ދެތަރިންވެސް ވިސްނައިދިނީ، ރެޔާއި ދުވާލު އާއިލާއާއި ދުރުގައި އެތައް ބަޔަކު ރައްޔިތުންނާއި ޤައުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމެވެ.

"އަހަރެމެން އިންސާނުންނަށް މިއޮތީ "ކުޑަ ކުޑަ" ބާރެއް ލިބިފައި. ގޭގަ ތިބެގެން މި ބަލި ފެތުރުން މަދު ކުރުމުގެ ބާރު. މި ބާރުގެ ބޭނުން ހިއްޕަވާ. އެންމެންގެ ރައްކަލަކަށް، ޤައުމުގެ ރައްކަލަކަށް، މިކަން ކޮށްދެއްވާ. ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި ތިޔަބޭފުޅުންގެ ޒިއްމާ ވަރަށް މުހިއްމު" މިއީ މި ކުރު ފިލްމް ނިއްމާލަމުން އެންމެންނަށް ކުރި އިލްތިމާސްއެވެ.

މި ފިލްމްގައި ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ހަރަކާތްތެރިވިއިރު، މި ފިލްމްގެ ހުރިހާ މަންޒަރަކީ ކޮންމެ ފަންނާނަކުވެސް އަމިއްލަ ގޭގައި ތިބެގެން ނަގާފައިވާ މަންޒަރުތަކެވެ. އަދި މި މަސައްކަތުގެ މުގުލުގައި ހުރީ، މަޝްހޫރު އެކްޓަރު އަހްމަދު އަޒްމީލް(އަޒޭ) އެވެ.

މި ފިލްމް އިން، ފެނިގެންދިޔަ ތަރިންނަކީ، ނިއުމާ މުހައްމަދު، ރީކޯ މޫސަ މަނިކު، ރޯނު ހަސަން މަނިކު، އާރިފާ އިބްރާޙިމް، އައިމިނަތު ރަޝީދާ، އަހުމަދު ސައީދު، މަރިޔަމް އަފީފާ، ރަވީ ފާރޫޤް އައިޝަތު ރިޝްމީ، ފާތިމަތު އަޒީޝާ، އިސްމާއިލް ޖުމައިހް، ޝެރާ އާދަމް، އަދި އަހްމަދު އަޒްމީލުގެ އިތުރުން އިސްމާއިލް އަޒިއަލް އަޒްމީލް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ