ނެޓްފިލްސް އިން ގެނެސްދެމުން އަންނަ ސީޑަބްލިއުގެ މަޝްހޫރު އާޗީ ކޮމިކްސް ޓީވީ ސީރީޒް “ރިވަޑޭލް”ގެ ދެ ތަރިން ކަމުގައިވާ ލިލީ ރެއިންހާޓް އާއި ކޯލް ސްޕްރައުސް ގެ ލޯބީގެ ގުޅުމަށް ހީނަރުކަމެއް އައިސްފިކަމަށް ބުނެ ވޭތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ގަދަޔަށް ވާހަކަދެކެވުނެވެ. ނަމަވެސް ދާދިފަހަކުން، މި ސީރީޒްގެ އެހެން ތަރިއެއް ކަމުގައިވާ ސްކީޓް އަލްރިޗް ވަނީ މި ދެމީހުންގެ ގުޅުން ނިމިއްޖެ ކަމަށް ބުނެފައެވެ.
އެގޮތުން ވަރަށް ފަހަކުން ލޮކްޑައުންގައި އިނދެ ސްކީޓް އޭނަގެ ލޯބިވެރިޔާ އާއިއެކު ވަނީ އިންސްޓްގަރަމް ލައިވް ސެޝަންއެއްގައި، ކުރިއަށް ގެންގޮސްފައެވެ. އަދި މި ސެޝަންގެ ތެރެއިން، ފޭނުންގެ ސުވާލު ތަކަށް މި ދެމީހުން ވަނީ ޖަވާބު ދީފައެވެ. އެގޮތުން ލިލީ އާއި ކޯލް އަކީ، ލޯބި ކަޕްލްއެއްކަން ޤަބޫލުކުރަންތޯ ފޭނަކު ވަނީ ސުވާލު ކޮށްފައެވެ. އަދި ސްކީޓް ޖަވާބު ދިނީ، އެ ދެމީހުން އަކީ ކުރިން ވަރަށް ލޯބި ކަޕްލް އެއްކަން ދޭހަވާ މެރުމުންނެވެ. އެހެންކަމުން ސްކީޓް މި މޭރުމުން ޖަވާބު ދިނުމުން ފޭނުން ބުނަމުން އަންނަނީ، އެ ދެ ބައިވެރިންގެ ގުޅުން ނިމުނީކަމަށެވެ.
މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ލިލީ އާއި ކޯލް ގެ ގުޅުން ނިމިފައިވާކަމަށްބުނެ އެކި ޙަބަރުތައް ފެތުރުނެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް މި ދެ ތަރިން ރައްދުދީފައެއް ނުވެއެވެ.
މަޝްހޫރު އާރޗީ ކޮމިކްސް އަށް ބިނާކޮށްގެން ތައްޔާރުކޮށް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ރިވާޑޭލް ސީރިޒްގައި ބެޓީ ކޫޕާރ އަދި ޖަގްހެޑް ޖޯންސް ގެ ރޯލު އަދާ ކުރަމުން އަންނަ މިދެތަރިންނަކީ ގިނަ ބައެއްގެ ފޭވްރިޓް އެވެ.
މިދެ ފަންނާނުން ރައްޓެހިވެގެން އުޅުނުއިރު އެކުގައި ޓްރަވެލް ކުރުމާއި، އެކަކު އަނެކަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ ފޭނުންގެ ލޯބި މި ކަޕަލް އަށް އިތުރުވެގެން ދިޔަ ސަބަބެކެވެ.