އަންނަ އަހަރުގެ ކިޔެވުން އަަހަރު މެދުތެރޭގައި ފަށަން ނިންމައިފި

އަންނަ ދިރާސީ އަހަރު (2021 ވަނަ އަހަރު) ގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން ނިންމައިފިއެވެ.

މިހާރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިއަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފެއްޓޭނީ އަންނަ އަހަރުގެ މެދު ތެރޭގައި ކަމަށެވެ.

ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޝާނަވީ އިމްތިހާން ތަކާއި ސަހާދާ ސާނަވީއާގެ އިމްތިހާންތައް އަންނަ އަހަރުގެ މެއި، ޖޫން ގައި ބޭއްވުމަށް ނިންމުމާއި ގުޅިގެން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ އޮކްޓޯބަރު، ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް 2021 ވަނަ އަހަރުގެ މެއި، ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިބަދަލާއި އެކު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާން ތައްވެސް މިއަހަރު ނޯންނާނެކަމަށާއި، ދެން އެ އިމްތިހާން ތައްވެސް އޮންނާނީ 2021 ވަނައަހަރުގެ މެއި، ޖޫން ގައި ކަމުގައި ކަމަށެވެ.

އެހެންކަމުން މިހާރު ގްރޭޑް 10 ގައި ކިޔަވާދަރިވަރުންނާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދަސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރުގެ މޭ ޖޫން އިމްތިޙާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށްވެސް އެޑިއުކޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

މިބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ނިންމާފައި ވާކަމަށާއި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން ދާކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށްގެނެވޭ ބަދަލުތައް ލަސްތަކެއްނުވެ އިޢުލާނު ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
43
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ