ދުނިޔޭގެ އެންމެ ފުން ރަން ނަގާ މައިނުގެ މަސައްކަތްތައް ކޮވިޑް-19 އާއި ގުޅިގެން ދެވަނަ ފަހަރަށް ހުއްޓާލައިފިއެވެ.
ދެކުނު އެފްރިކާގައި ހުންނަ މި މައިންގެ މަސައްކަތްތައް ކޮވިޑް-19 އާއި ގުޅިގެން މާރޗް މަހުގައި ހުއްޓާލުމަށްފަހު އަލުން ފަށައިފައިވަނީ މިދިޔަ މަހު އެވެ.
ދެވަނަ ފަަހަރަކަށް މައިންގެ މަސައްކަތްތައް ހުއްޓާލަން ޖެހިފައިވަނީ، އެ މައިންގައި މަސައްކަތްކުރާ 164 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި މި އެންމެންނަކީވެސް ބަލީގެ އަލާމާތްތައް ނުފެނި މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ.
މައިންގެ މަސައްކަތްތައް ދެވަނަ ފަހަރަށް ހުއްޓާލައިފައިވާއިރު މައިންގެ މަސައްކަތްތައް ކުރެވެމުން ގޮސްފައިވަނީ ފުލް ސުކޭލްގައި ނޫންކަންވެސް ފާހަގަ ކޮށްލެވެއެވެ. މިގޮތުން މައިންގެ މަސައްކަތްތައް ހުއްޓާލިއިރު މައިންގައި މަސައްކަތް ކުރަމުން ގޮސްފައިވަނީ 50 އިންސައްތައިގައެވެ.
ދުނިޔޭގެ އެންމެ ފުން ރަން ނަގާ މައިނުގެ ގޮތުގައި މަޝޫރުވެފައިވާ މި މައިންގެ ފުންމިނުގައި ހަތަރު ކިލޯމީޓަރު ހުރެއެވެ. އަދި މިމައިން ހުންނަނީ ދެކުނު އެފްރިކާގެ ޖޮހެނަސްބާރގް ގައެވެ.
އެފްރިކާ ބައްރުން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ދެކުނު އެފްރިކާއިންނެވެ. މިގޮތުން ދެކުނު އެފްރިކާއިން ކޮވިޑް-19 އަށް 21،343 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. އަދި މިބަލީގައި 407 މީހުން މަރުވެފައި ވެއެވެ.




